ވެޓެރަންސް ކަޕުގެ ޗެމްޕިއަންކަން ސޮކާ ވެޓެރަންސްއިން ހޯދައިފި

ކޮކާ ކޯލާ ވެޓެރަންސް ކަޕުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް ސޮކާ ވެޓެރަންސް އެސޯސިއޭޝަނުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ލައިފް ބޯއީ އެއް ނަންބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުން ސޮކާ ވެޓެރަންސް މޮޅުވީ 4-0 ލަނޑުންނެވެ. މި މެޗުގައި ސޮކާ ވެޓެރަންސްއިން ވަނީ މޮޅު ކުޅުމެއް ދައްކާ ޑީއެސްސީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ޑީއެސްސީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސޮކާ ވެޓެރަންސްއަށް ލީޑު ފުޅާކޮށްދިނީ އަލީ ޝަމީމް އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޝަމީމްގެ ފަރާތުން އިތުރު ލަނޑެއް ފެނިގެންދިޔަ އިރު، ސޮކާ ވެޓެރަންސްގެ ފަހު ލަނޑު ކާމިޔާބުކޮށް ދިނީ ތޮއްޑޫ މުހައްމަދު ނިޒާމެވެ.

މި މުބާރާތުގެ ރަނަރަޕް ކަމުގެ އިތުރުން ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ދިވެހި ސިފައިންގެ ކްލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ފޯވާޑަކަށާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ސޮކާ ވެޓެރަންސްގެ އަލީ ޝަމީމެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް އެޓީމްގެ ގޯލް ކީޕަރު އިސްހާގު އީސާ ހޮވިފައިވާ އިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ އެޓީމްގެ ޖާޒީ ނަންބަރު އަހްމަދު ނިޒާރެވެ.

އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ ސޮކާ ވެޓެރަންސްގެ މުހައްމަދު ޒިޔާދެވެ. އަދި މުބާރާތުގައި އެންމެ މޮޅަށް ކުޅުނު 50 އަހަރުން މަތީގެ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ކްލަބު އީގަލްސްގެ އައްބާސް މުހައްމަދެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމް ސޮކާ ވެޓެރަންސްއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުށަހެޅި ވާދައިގެ ތައްޓާއި ފައިސާގެ އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަބްދުއްޝުކޫރެވެ. މުބާރާތުގައި އެހެނިހެން ވަނަވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ޑީއެސްސީގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދާއި ސޮކާ ވެޓެރަންސްގެ ރައީސް ޑރ. އަބްދުލް ޢަޒީޒް ޔޫސުފާއި އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވަޒާއި ކޮކާ ކޯލާ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރު ސްރީކާންތެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު