މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ނުކުރުމަށް ސަރުކާރުން ނިންމައިފި

މިއަދު ހަވީރު 4:00 އިން ފެށިގެން ތިން ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި އެންގުމަށް އަމަލު ނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު "ސަން"އަށް ވިދާޅުވީ މިއަދު ހަވީރު 4:00 ފެށިގެން މިރޭ 7:00 އަށް ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގި އެންގުމަށް އަމަލު ނުކުރަން ނިންމެވީ މިއަދު ހަވީރު ހާއްސަ އިވެންޓުތަކެއް އޮތުމުން ކަމަށެވެ.

"ކުރިއާލައި އަޅުގަނޑުމެން އެބަ އޮތް ހާއްސަ އިވެންޓުތަކެއް ރާވާފައި. އެކަމަށްޓަކައި އާންމުން އެބަޖެހޭ ވެހިކަލްތައް ވެސް ދުއްވަން،" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ އެންގުމަށް އަމަލު ނުކުރުމަށް ސަރުކާރުން ނިންމެވުމުން، މިއަދު ހަވީރު ދުއްވާ ވެހިކަލްތައް ފުލުހުން ނުހުއްޓުވާނެ ކަމަށެވެ.

ނާފިޒް ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލުގެ އެންގުމަށް އަމަލު ކުރެވެން ނެތް ކަމަށް ސިޓީ ކައުންސިލަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

"ސިޓީ ކައުންސިލްގެ މެމްބަރުންނަށް މިއަދު ގުޅައި އެ ބޭފުޅުންނަށް އަންގާފައިވާނެ އެ ބޭފުޅުންގެ ނިންމެވުމަށް އަމަލު ކުރެވެން ނެތް ކަމަށް،" ނާފިޒު ވިދާޅުވި އެވެ.

މިއަދު ވެހިކަލް ދުއްވުން މަނާ ކުރުމަށް ސިޓީ ކައުންސިލުން އިއުލާން ކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އަދި އެ އިއުލާނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު