މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ހަމަޖައްސަވައިފި

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ހަމަޖައްސަވައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަން އިއުލާން ކޮށްފި އެވެ.

މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާފައި ވަނީ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ގުޅޭގޮތުން މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައިދެއްވީ އިސްލާމިކް މިނިސްޓަރުގެ ނައިބު އަސަދުﷲ ޝާފީޢީ އަހްމަދެވެ.

މާދަމާ އަކީ އީދު ދުވަސްކަމުގައި ހަމަޖައްސަވާފައި ވަނީ ސައުދީ އަރަބިއާ އާއި އެހެނިހެން ބައެއް އިސްލާމީ ގައުމުތަކަށް ވެސް ޝައްވާލުމަހުގެ ހަނދު ސާބިތުވެއްޖެ ކަމަށް ރަސްމީކޮށް އިއުލާން ކުރުމާ ގުޅިގެންނެވެ.

ދިވެހިރާއްޖޭގައި އާ މަހުގެ ހަނދު ސާބިތުވެއްޖެ ކަމަށް ކަނޑައަޅަނީ ހިނގަމުންދާ ހަނދު މަހެއްގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާ ރެއެއްގައި، ދިވެހިރާއްޖެއަށް ނުވަތަ އެހެން އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. މި ގޮތަށް ނުފެނިއްޖެ ނަމަ ދެން އޮންނަނީ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަކޮށް އަނެއް މަސް ފަށާ ގޮތަށެވެ.

މި އުސޫލުގައި ވާ ގޮތަށް ހަނދު ސާބިތުވެފައި ވާތީ މާދަމާއަކީ މިއަހަރުގެ ފިޠުރު އީދު ކަމުގައިވާ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ބަޔާން އިއްވަވައި ނިމުމާ އެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރިން ސްކޮޑުން ބަޑިޖެހުން ވެސް އޮންނާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު