އަހަރުމެން މަސްވެރިންނަށް ނަޖިސް މަސް!

މަހަކީ ދިވެހިންގެ ކެއުމުގެ އެންމެ ބޮޑު ބައި ހިއްސާކުރާ ބާވަތެވެ. އަހަރުމެންގެ ކެއުމަށް މަހަކީ ވަރަށް މުހިންމު ބާވަތަކަށް ވެފައިވާއިރު އާންމުގޮތެއްގައި ވެރިރަށް މާލޭގެ ގޭބިސީތަކާއި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނަށް މަސް ގަންނަނީ މާލޭ މަސްމަރުކޭޓުންނެވެ. އެހެންކަމުން އެތަނަކީ ވަރަށް ރަނގަޅަށް ހިދުމަތްދޭ ތަނަކަށް ހަދަންޖެހެއެވެ. ނަމަވެސް ކަން ވަނީ އެހެންބާއެވެ؟

ހުސެއިން މުހައްމަދާއި އޭނާގެ އާއިލާ މެމްބަރުން މިހާރު ވަނީ "މާލޭ މަސް މާރުކޭޓުން" މަސް ގަނެގެން ކެއުން ހުއްޓާލާފައެވެ. ސަބަބަކަށް އެމީހުން ބުނަނީ އެމާރުކޭޓުން ވިއްކި މަހެއް ގަނެގެން ކެއި ފަހުން އެގޭ މީހުންނަށް އާދަޔާ ހިލާފް ބޭރަށް ހިންގުމެއް ކުރިމަތިވުމުންނެވެ. އެކަން އެގޭގައި ދިރިއުޅޭ ކުޑި ބޮޑު އެންމެންނަށް ދިމާވިއިރު އެއީ މާރުކޭޓުން ގަނެގެން ކެވުނު މަހެއްގެ ސަބަބުންވީ ކަމެއްކަން އެމީހުންނަށް ޔަގީންވާ ކަމަށް ހުސެއިން ބުނެ އެވެ.

"މިގޭ އެންމެން ދެ ތިން ދުވަސް ވަންދެން ފާހާނާ ނާރާ އުޅެންޖެހުނު އެމަހެއް ކެވުމުގެ ސަބަބުން ދެން ވިސްނާ އުޅޭނެ ހާލު. ހަގީގަތުގައި މާރުކޭޓުގައި ވިއްކާ މަހަކީ ސިއްހީ ގޮތުން ވަރަށް ދެރަވަރުކޮށް ވިއްކަން ބަހައްޓާފައި ހުންނަ އެއްޗެއް. އެކައިގެން ކޮންމެ ފަދަ ކަމެއްވެސް ވެދާނެ،" އޭނާ ބުންޏެވެ.

އެއީ އާއިލާއެއް ގޮވައިގެން މާލޭގައި ދިރިއުޅޭ އާދައިގެ ރައްޔިތެއްގެ ބަހެކެވެ. އޭނާ އެފާހަގަ ކުރިފަދަ ކަންކަން މަސް މާރުކޭޓްގައި ހިނގާބާ އެވެ؟ އެގޮތުން ވަރަށް ނުރައްކާ ކަންކަން ވަނީ ފާހަގަކުރެވިފައެވެ.

މާލޭ މަސް މާރުކޭޓުން ފާހަގަކުރެވޭ ނުރައްކާ ކަންތަކުގެ ތެރޭގައި އެންމެ ބޮޑު އެއްކަމަކީ އެމާރުކޭޓުން ދެ ފަހަރަށް އައިސްކުރި މަސް ވިއްކަން ހުންނަ ކަމެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އެތައް ނުރައްކަލަކާ ކުރިމަތިލާންޖެހޭ ވަރުގެ ކަމެކެވެ. ނަމަވެސް މަސް މާރުކޭޓުގައި އެކަން ދަނީ ހިނގަމުންނެވެ.
މަސް މާރުކޭޓުގެ އަށިތަކުގައި ބަހައްޓާފައި ހުރި މަސްތަކެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދޯނީގައި އައިސް ފޮށިތަކުގައި އައިސްކޮށްފައި ހުންނަ މަސްތައް ނަގައިގެން ވިއްކުމަށް ކޮންމެ ދުވަހެއްގެ ހެނދުނު ގެނެސް މާރުކޭޓުގައި އަތުރަ އެވެ. އަދި އޭގެ ތެރެއިން ނުވިކޭ މަސް އަނެއްކާވެސް ގެން ގޮސް ދޯނީގައި ހުންނަ ފޮށީގައި އަނެއް ދުވަހު ވިއްކުމަށް އައިސްކުރެއެވެ. އެގޮތަށް މަސް އައިސްކުރަން ގެންދާއިރު އެ މަސްތަކުން ހުންނަނީ އައިސްކަން ކެނޑިފަ އެވެ. އެކަން އެކުރަނީ އެނޫންގޮތެއް ނެތީބާ އެވެ؟

މަސް އައިސް ނުކެނޑި ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި މަސް މާރުކޭޓުގައި ވަނީ އަށިތަކެއް ހަދާފަ އެވެ. އެ އަށިތައް ތައްޔާރުކޮށްފައި ހުންނަނީ މަސްތައް ފިނިކޮށް ބެހެއްޓޭނެ އިންތިޒާމާއެކު އެވެ. އެ އަށިތަކަށް އައިސް އަޅާނަމަ މަސްތަކުން ފިނި ނުކެނޑި ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް މާރުކޭޓުން ފެންނަ މަންޒަރަކީ އެއަށިތަކުގައި މަސް ވިއްކަން ބަހައްޓާފައި ހުންނަ އިރު އެއަށިތަކަށް އައިސް ނާޅާ ކަމެވެ. ނަތީޖާ އަކަށް ވެފައިވަނީ މަސްތަކުން ފިނިކަން ކެނޑިގެން ދިއުމެވެ.

އިސްވެ މިފާހަގަ ކުރި އަށިތަކުގެ ބޭނުމަކީ ހަމައެކަނި އައިސްކޮށް މަސް ބެހެއްޓުން އެކަންޔެއް ނޫނެވެ. ހަމައެއާއެކު ސާފު ތާހިރުކޮށް މަސް ވިއްކުމުގެ ފުރުސަތު ދިނުމަކީ ވެސް އެއަށިތައް މާރުކޭޓުގައި ހެދި އެއް ސަބަބެވެ. ނަމަވެސް ބައެއް މަސްވެރިން އަމަލު ކުރަނީ އެހެނެއް ނޫނެވެ. އެގޮތުން އަށިތައް ހުހަށް ހުންނައިރު މަސްތައް ހުންނަނީ މީހުން ހިނގާ ތަޅުންގަނޑުމަތިގައި އަތުރާފައެވެ. އެކަމުގެ ސަބަބުން ފައިވާންތަކުގައި ހުންނަ ހިރަފުހާއި ތަޅުންގަނޑުގައި ހުންނަ ފެނާއި އެއްވެ "ކިލާފެން" އުފެދި އެފެންތައް މަހަށް އަސަރު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ނޫންތޯ އެވެ؟
މަސް މާރުކޭޓްގައި ވިއްކާ މަހަށް ފެންޖެހުމަށް ފެން ނަގާ ސަރަހައްދު -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދެން އޮތީވެސް ހަމަ އެފަދަ މައްސަލައެކެވެ. ވިއްކަން ބަހައްޓާފައި ހުންނަ މަހަކީ ތާޒާ މަހަށް ހެދުމަށް އެމަސްތަކަށް ދޭތެރެ ދޭތެރެއިން މަސްވެރިން ފެންޖަހަ އެވެ. ފެންޖެހުމަކީ އެއީ ރަނގަޅު ކަމެއް ކަމަށް ފެނެ އެވެ. ނަމަވެސް އެމަހަށް ޖަހާ ފެނަނީ "ނަޖިސް ފެން" ކަމުން މިއީ ކަންބޮޑުވާ މައްސަލައެކެވެ. މަސްތަކަށް ފެންޖެހުމަށް ފެންނަގަނީ މާރުކޭޓް ސަރަހައްދުގައި ދޯނިތައް އަޅާފައި ހުންނަ ސަރަހައްދުންނެވެ. އެސަރަހައްދުގެ މޫދުގެ ހަޑި ކަމުގެ ވާހަކަ ރަނގަޅުވާނީ ދެއްކުމަށް ވުރެ ނުދެއްކުމެވެ.

އެދޯނި ތަކުގައި އުޅޭ މީހުން ފާހާނާ ކުރަނީވެސް އެމޫދަށެވެ. އަދި ކެއުން ބުއިމާއި އެހެނިހެން ބޭނުމަށް ގެންގުޅެ ތަކެތި އުކާލާފައި ހުންނަނީވެސް އެމޫދަށެވެ. އެމޫދުން ބޮޑުކަމުދާތަކެތި ފެނުމަކީ ވެސް އާންމު ކަމެކެވެ. މަހަށް ފެންޖަހަން ފެންނަގަތީވެސް އެމޫދުންނެވެ. ދެން އެތަނުގެ ހާލަތާއި މެދު އަމިއްލެއިން ވިސްނާލާށެވެ.

މާރުކޭޓްގެ ދޯހިޔާކަން މިނޫން ގޮތްތަކަށްވެސް ފެންނަން އެބަހުއްޓެވެ. އެގޮތުން އެމާރުކޭޓަކީ ސާފުތާހިރުކަން އެތައް ފަހަރަކު ގެއްލިގެންގޮސް އެބަހުއްޓެވެ. މަސް މާރުކޭޓު ތެރެއަށް ޖަންގްޝަންއަކުން ނަޖިސް ލީކު ވެފައި ހުއްޓާ މަސް ވިއްކި މައްސަލައެއް ވެސް ވަނީ މިދިޔަ އަހަރު ފެންމަތި ވެފަ އެވެ. ހަމަ އެފަދައިން ކުނިވެފައި ހުންނަ މަސް ވިއްކާފައިވުމަކީވެސް ހަގީގަތެކެވެ.

"ދެ ފަހަރަށް މަސް އައިސް ކޮށްގެން ވިއްކުމަކީ މި މާރުކޭޓްގައި ވަރަށް އާންމުކަމެއް. އެގޮތަށް އެމީހުން ހަދަނީ އެމީހުން ބޭނުމަކަށް ވެފައިވަނީ މަސް ވިއްކުން. އެކަން އެމީހުންނަށް ވާތީ އެގޮތަށް ވިއްކަނީ،" ނޫހުގައި ނަން ނުޖެހުމަށް އެދި މަސްވެރިއަކު ބުންޏެވެ.

ދިވެހިންގެ މައިގަނޑު ކެއުމަކީ މަސް ކަމަށް ވެފައި، ގިނައަދެއްގެ ބަޔަކު މަސް ގަންނަ މާރުކޭޓުގެ ހާލަތު މި ފެންވަރުގައި އޮތުމަކީ ދެރަވަރު ކަމެކެވެ. އަދި މިކަން ހައްލު ނުކުރެވި ކަމާ ބެހޭ ފަރާތްތަކުން ނުކުޅެދުފައި ވުމަކީ މާ ދެރަވަރުކަމެކެވެ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މަސް ކެއުމުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއް ކުރިމަތިވާނެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ނުތާހިރު ކެއުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވާނެކަމަށެވެ. އެގޮތުން އާންމުކޮށް އެފަދަ މަސް ކާ ނަމަ ބޮޑެތި ސިއްހީ މައްސަލަތައް ދިމާވުންވެސް އެކަށިގެންވެއެވެ.

"އާންމުގޮތެއްގައި އެފަދަ މަސް ކެއުމުގެ ސަބަބުން ތަފާތު އެލާޖިކްތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް. އަދި ހަމައެހެންމެ ބޭރަށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވުން ވެސް އެކަށީގެންވޭ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

މާލޭގެ މަސްމާރުކޭޓުގެ މައްސަލަ ހައްދު ފަހަނަ އަޅާދާ ވަރަށް ދަށަށް ގޮސްފައިވާއިރު އެކަމުގެ ބެލެނިވެރި ފަރާތްތަކުން އެކަން ހައްލުކުރަން ކުރާ މަސައްކަތަކީ ކޮބައިބާވަ އެވެ؟

މުޑުދާރު މަސް މާރުކޭޓުގައި ވިއްކާކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ނޭނގެނީކީ ނޫނެވެ. ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު ވިދާޅުވީ މާލޭގެ މަސް މާރުކޭޓްގައި ސިއްހަތައް ރަނގަޅު ނޫންގޮތަށް މަސް ވިއްކާކަމީ "ހިނގަމުންދާ ކަމެއް" ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފާހަގަ ކުރެވި ހައްލުކުރަން އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލްއަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު އަޅުގަނޑުމެން ރިޕޯޓްތައްޔާރީ ކުރަން. ރިޕޯޓް ތައްޔާރީކޮށް ސިޓީ ކައުންސިލަށް ހިއްސާކޮށްފައިވާނެ ރަނގަޅު ކުރަންޖެހޭކަންކަން. އޭރުވެސް ފާހަގަކުރެވޭ އައިސް ކެނޑުނީމަ އައިސްކޮށް ގެން މަސް ވިއްކާކަން،" ސާޖިދާ ވިދާޅުވި އެވެ.
މަސް މާރުކޭޓުގައި މީހުން ހިނގައި ތަޅުންގަނޑުމަތީގައި އަރުތާފައި ހުރި މަސްތަކެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސިޓީ ކައުންސިލުން މާރުކޭޓު ހިނގުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން އެކަންކަން ރަނގަޅު ކުރަމުންދާ ކަމަށާއި އެގޮތުން މާރުކޭޓުގައި އައިސް ބެހެއްޓުމަކީ އެގޮތުން ފާހަގަކުރެވޭ ރަނގަޅު ކަމެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސް ގެންގުޅޭނެ ސްޓޭންޑަޑެއް ކަނޑައަޅައި އެކަން ވަރަށް އަވަހަށް އާންމުކުރެވޭނެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

މަސް މާރުކޭޓު ހިނގުން ހަވާލުވެފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެކަށީގެން ނުވާ ގޮތަށް މަސް ވިއްކުމަކީ ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މަސް ވިއްކުމަށް ކޮލެޓީ ސްޓޭންޑެއްގާއިމް ކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ރޯދަ ނިންމާލާފަ ޑިވެލޮޕިން މަސައްކަތް ފަށާނަން. ކައުންސިލާއި ހަވާލުވިއިރު އޮތީ ވަރަށް ބޮޑަށް ހައްދުން ގޮސްފަ. އެގޮތުން އަށިތައް ބެހެއްޓިފައި ހުރީ ރަނގަޅު ކޮންޑިޝަނެއްގައިއެއް ނޫން،" މުހައްމަދު ވިދާޅުވި އެވެ.

މާރުކޭޓު މިހާރު ހުރި ހާލަތުން އެތަނުން މަސް ފިނިކުރަން އައިސް ލިބޭނެ އިންތިޒާމެއް ނުހުރެ އެވެ. މަސް ކަނޑާމީހުންނަށް ސާފް ފެން ލިބުނު ނަމަވެސް މަސް ވިއްކަން ތިބޭ ފަރާތްތަކަށް ސާފް ފެންނުލިބެ އެވެ.
ޒަމާނުއްސުރެ މަސްވެރިކަމަކީ ދިވެހިންގެ ފަހުރެވެ. އަހަރުމެންގެ ކެއުމާއި އިގްތިސާދުގައި ބޮޑު ބަޔަކީ މަސްވެރިކަމެވެ. ދިވެހިން ކާނީ ސާފު ތާހިރު، ތާޒާ، މޮޅު މަހެވެ. އެ އިންތިޒާމު ވަގުތުން ހަމަޖައްސަންޖެހެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް