އައްޑޫއަށް ސީއެމްބިއުލާންސް ނުފޮނުވަން ވަނީ ނިންމާފައި: ރޮޒައިނާ

އައްޑޫ ސިޓީއަށް ފޮނުވަން ހަމަޖައްސާފައިވާ ސީ އެމްބިއުލަންސް މިހާރު ފޮނުވެން ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީއަށް ސީ އެމްބިއުލަންސެއް ފޮނުވަން ކުރިން ހަމަޖެހިފައި އޮތްނަމަވެސް ކަނޑުގެ ސަރައްދު ކުޑަވުމުން މިހާރު ސީއެމްބިއުލަންސް ނުފޮނުވުމަށް ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

"މި މަހުގެ 14 އިން ފެށިގެން އެ ބޭފުޅުން [ލޯންޗް ފަޅުވެރިން] މާލޭގައި ބޭތިއްބުމަށްފަހު، ޓްރޭނިންވެސް ނިންމާފައި، ލޯންޗްވެސް ބަލާފައި، އަދި ގަޑި ހަމަކުރަން ލޯންޗް ދުއްވާފައި، އަނެއް ދުވަހު [ ހެލްތް މިނިސްޓްރީން] ވިދާޅުވަނީ އައްޑޫ އަކަށް މިހާރު ސީ އެމްބިއުލަންސް ފޮނުވޭކަށް ނެތޭ، " ރޮޒައިނާ ވިދާޅުވި އެވެ.

މިހާރު ތައްޔާރު ކުރެވިފައި ވަނީ ހަތަރު ސީ އެމްބިއުލަންސް ކަމަށާއި އެ އެމްބިއުލަންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ކަނޑުގެ ސަރައްދު ބޮޑު ތަން ތަނަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ ކަނޑުގެ ސަރަހައްދަކީ އެރޭ ކުއްލިއަކަށް ބޮޑުވި އެއްޗެއް ތޯ އޭ. މި ކޮޅަށް[ މާލެ އަށް] ފަޅުވެރިން ގެނެސް، އެ ކޮޅުގައި އޮތް ލޯންޗް ވެސް ގެނެސްގެން އުޅެފައި ކުއްލިއަކަށް މި ބޭފުޅުންނަށް އެނގިވަޑައިގަންނަވަނީ އައްޑޫގައި ކަނޑުގެ ސަރަހައްދު ލޯންޗް ބާއްވާ ވަރަށް ބޮޑުނުވާކަން. އެކަމަކު ފާހަގަ ކޮށްލަން ޖެހޭ ހުޅުމީދޫ އަކީ އާބާދީ ބޮޑު ރަށެއްކަން ވެސް،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ސީ އެމްބިއުލާންސްގެ ބަދަލުގައި އައްޑޫ ސިޓީއަށް ރަނގަޅު ފެންވަރުގެ ލޯންޗެއް ފޮނުވާގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން އޭނާ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ލޯންޗްގެ ފެންވަރު ހުރީ ވަރަށް ދަށް ފެންވަރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވަނީ އެ ލޯންޗުގެ ފޮޓޯތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ރޮޒައިނާ މިއަދު ނޫސްވެރިންނަށް ދައްކާލި ފޮޓޯއެއް: އޭނާ ވިދާޅުވީ މިއީ އައްޑޫއަށް ފޮނުވަން ސަރުކާރުން ނިންމާފައިވާ ލޯންޗު ކަމަށް


"މިހާރު ދެއްވަން ހަމަޖެއްސެވި ލޯންޗްގެ ޝީޓް ކަވަރުތައް ވަނީ ހަލާކުވެފައި. ފްރިޖް ހުރީ ހަލާކުވެފައި. އަލިފާން ނިއްވާ ފުޅިއެއް ނެތް. ސަމްގާ އެއް ނެތް. ޖީޕީއެސް އެއް، އެންޓަނާއެއް ނެތް. ތައްޓުގައި ރެނދުއަޅާފައިހުރީ. ވައިޕަރެއް ނެތް. ޓްރިމަރެއް ނެތް. ޓްރިމަރެއް ނެތް ކަމަށް ވަންޏާ ބަލި މިހާ ގެންދާއިރު ލޯންޗް ބެލެންސް ކުރުމުގައި ވަރަށް ބޮޑު އުނދަގޫތަކާ ކުރިމަތިވޭ. ނެވިގޭޝަން ލައިޓެއް ނެތް. ހުރިހާ ލައިފް ޖެކެޓްހުރީ ހަލާކުވެފައި،" ރޮޒައިނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމެޓީގައި ހެލްތް މިނިސްޓްރީން ބުނެފައި ވަނީ އައްޑޫ ސިޓީއަށް ސީ އެމްބިއުލަންސް އެއް ފޮނުވުމަށް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ފަޅުވެރިން ތަމްރީނު ކުރުމަށް މީހުން މާލެ ގެނެސްފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު