ގައިދީއަކު ހުށަހެޅި މައްސަލައެއްގައި ހޯމް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން ފާސްކޮށްފި

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނަހަދާ ކަމަށް ބުނެ ކ. މާފުށީ ޖަލުގައި އޮތް ގައިދީއަކު މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރަން ފާސްކޮށްފި އެވެ.

ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ފާސްކުރީ އިއްޔެ ބޭއްވި ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންވާ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގައިދީއަކު ހުށަހެޅި މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް މޫސާ އާޒިމް ވެސް ކޮމެޓީއަށް ހާޒިރުކުރަން ފާސްކޮށްފައިވެ އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ހޯމް މިނިސްޓަރު ގައުމީ ސަލާމަތު ކޮމެޓީއަށް ހާޒިރު ކުރާނީ ކުރިއަށް އޮތް ސަރުކާރު ބަންދަށްފަހު ކަމަށް ކޮމެޓީގެ މުގައްރިރު އިއްޔެ ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން 24 ގަވާއިދެއް ހަދަން ޖެހޭނެ ކަމަށް ގާނުނުގައި ބުނެފައިވެ އެވެ. ޖަލުތަކާއި ޕެރޯލް ގާނޫނު ބުނާ ގޮތުން އެ ގާނޫނު އަމަލު ކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭ އެ ގަވާއިދުތައް ހަދައި ގެޒެޓް ކުރާން ވާނެ އެވެ. ޖަލުތަކާއި ޕެރޯލް ގާނޫނަށް އަމަލު ކުރަން ފެތިތާ މިހާރު ހަތް މަސް ދުވަސް ވެއްޖެ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކެއް ނަހަދާ ކަމަށް ބުނެ، ކ. މާފުށީ ޖަލުގައި އޮތް ގައިދީއަކު މަޖިލީހަށް މައްސަލަ ހުށަހެޅީ ސިޓީއަކުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު