ވެޓެރަންސް ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ސްކާ ވެޓެރަންސް އިން ހޯދައިފި

ކޮކާކޯލާ ވެޓެރަންސް ކަޕްގެ ސެމީ ފައިނަލުގައި ކްލަބު ވެލެންސިއާ އަތުން ފަސޭހަކަމާ އެކު މޮޅުވެ، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސޮކާ ވެޓެރަންސް އެސޯސިއޭޝަން ހޯދައިފި އެވެ.

ލައިފް ބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ވެލެންސިއާ އަތުން ސޮކާ ވެޓެރަންސް މޮޅުވީ 5-0 ލަނޑުންނެވެ. މެޗު ފެށިގެން ނިމެންދެން ސޮކާ ވެޓެރަންސް ވަނީ މޮޅު ކުޅުމެއް ދައްކާ، ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ.

މެޗުގައި ސޮކާ ވެޓަރެންސްއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން އަލީ ޝަމީމު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، ތޮއްޑޫ މުހައްމަދު ނިޒާމް ވެސް ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ސޮކާ ވެޓެރަންސްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އިސްހާގު މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްކާ ވެޓެރަންސްގެ އަލީ ޝަމީމެވެ.

މި މުބާރާތުގެ ފައިނަލުގައި ސޮކާ ވެޓެރަންސްއާ ދެކޮޅަށް ނުކުންނަ ޓީމެއް އެނގޭނީ ސެމީގެ ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް އާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ބައްދަލުކުރާ މެޗަށް ފަހު އެވެ. އެ މެޗު ކުޅޭނީ މާދަމާ ހަވީރު 4:40ގައި ލައިފް ބޯއީ ޓާފް އެއް ނަންބަރު ދަނޑުގަ އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހު ހަވީރު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު