އެމްއެޗް 17 ވެއްޓުނީ ބާޣީންނަށް އޮޅިގެން ދެވުނު ހަމަލާއަކުން: އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން

މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 17 ވެއްޓުނީ ޔޫކްރެއިންގެ ބާޣީން ދިން މިސައިލު ހަމަލާއަކުން ކަމަށާއި އެ ހަމަލާއަކީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައި ވަނީ ޔޫކްރެއިންގެ އުތުރުގައި އޮންނަ ހަނގުރާމައިގެ ސަރަހައްދެއްގެ މަތިން ދަތުރު ކުރި އެމްއެޗް 17 އަށް އެގައުމުގެ ބާޣީން ދިން މިސައިލު ހަމަލާ އަކީ އާންމު މީހުން ދަތުރުކުރާ ފްލައިޓެއް ކަމެއް ނޭނގި އޮޅިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ނަންހާމަ ނުކުރުމަށް ޝަރުތުކޮށް އަލްޖަޒީރާ އަށް މައުލޫމާތު ދިން އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލު ވިދާޅުވިގޮތުގައި ޔޫކްރެއިންގެ ބާޣީން ވަނީ އެމްއެޗް 17 ވައްޓާލުމަށްޓަކައި ރަޝިއާގެ އެސްއޭ – 11 މިސައިލަކުން ހަމަލާދީފައެވެ.

އެމެރިކާގެ އިންޓެލިޖަންސް އިން ޔޫކްރެއިންގެ ބާޣީންގެ މައްޗަށް ކުރާ ދައުވާ އެމެރިކާ އިން ބިނާކުރީ ދެ ކަމެއްގެ މައްޗަށް ކަމަށާއި އެއީ ސޯޝަލް މީޑިއާ އިން ލިބިފައިވާ ހެކިތަކެއްގެ މައްޗަށާއި ޔޫކްރެއިން ބާޣީން އެމީހުންގެ މީހުނާއި ވާހަކަދެއްކި ފޯންކޯލެއްގެ މައްޗަށް ބިނާކޮށް ކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އެ ފޯނުކޯލުގައި ވާހަކަދައްކަމުން ޔޫކްރެއިންގެ ބާޣީންގެ މީހެއްކަމަށް ކަމަށް ބެލެވޭ މީހާ އެންމެ ފުރަތަމަ ބުނެފައި ވަނީ ޓްރާންސްޕޯޓު ޕްލޭނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެކޯލުގެ ނިމުމާ ހިސާބުން އެއީ އޮޅިގެން ކުރެވުނު ކަމެއް ކަމަށް އޭނާ ބުނެފައިވާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުންޏެވެ.

އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ވިދާޅުވީ، ތަފާތު ހަތިޔާރު ގެންގުޅުމަށާއި، ވައިގެ މަގުން ހަމަލާދިނުމަށް ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރެއިންގެ ބާޣީންނަށް ޚާއްސަ ތަމްރީނުތަކެއް ފަށާފައިވާ ކަމަށެވެ.
ނަމަވެސް ރަޝިއާގެ އަސްކަރިއްޔާ އިން ޔޫކްރެއިންގެ ބާޣީންނަށް އެމްއެޗް 17 އަށް ހަމަލާދިން ކަހަލަ އެސްއޭ – 11 މިސައިލު ބޭނުންކުރާނެ ގޮތް ދަސްކޮށްދިން ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފަކައެއް ނެތް ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު