އިރާގުގެ އާ ރައީސަކަށް ފުއާދު މައުސޫމް ހޮވައިފި

އިރާގުގެ އާ ރައީސަކަށް ކުރުދީންގެ އިސް ލީޑަރެއް ކަމަށްވާ ފުއާދު މައުސޫމް އެގައުމުގެ ޕާލިމެންޓުގައި ހިމެނޭ ކުރުދީ މެންބަރުންގެ ވޯޓުން ހޮއްވަވައިފި އެވެ.

އިރާގުގެ ރައީސް ޖަލާލު ތަލަބާނީގެ ޕެޓްރިއޮޓިކް ޔޫނިއަން އޮފް ކުރުދިސްތާން (ޕީޔޫކޭ)ގެ ދެ މެންބަރުން ކަމަށްވާ، ފުއާދު މައުސޫމާއި، ބަރްހާމް ސާލިހްއާ ދެބޭފުޅުންގެ ތެރެއިން އާ ރައީސަކު ހޮވުމަށް ޕާލިމެންޓްގައި ހިމެނިވަޑައިގަންނަވާ ކުރުދީ މެންބަރުންގެ މެދުގައި ނެގި ވޯޓު މައުސޫމް ކާމިޔާބުކުރެއްވީ، ހަތް ވޯޓުގެ ތަފާތުންނެވެ. މައުސޫމަށް 30 ވޯޓު ލިބިވަޑައިގެންނެވި އިރު، ސާލިހަށް ލިބިވަޑައިގަތީ، 23 ވޯޓެވެ.

މި ދެ ބޭފުޅުންނަކީ ވެސް ޕީޔޫކޭގެ އިސް ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެބޭފުޅުން ކަމަށް ވާ އިރު، މައުސޫމް ވަނީ، އިރާގުގެ ގައުމީ މަޖިލީހުގައި ކުރުދީންގެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި ކުރިން އިރާގުގެ ބޮޑުވަޒީރުގެ ނާއިބުކަން ކުރައްވާފައިވާ ސާލިހަކީ، ކުރުދިސްތާން ހިމެނޭ ސަރަހައްދުގެ ވެރިކަމުގައި ދެ އަހަރުގެ ދައުރެއް ފުރުއްވާފައި ވާ ބޭފުޅެކެވެ.

މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ، އުމުރުން 76 އަހަރުފުޅުގެ މައުސޫމަކީ، ޕީޔޫކޭގެ އެއް ބާނީއެވެ. އަދި އޭނާ ފާހަގަކުރެވިފައި ވަނީ، އިރާގުގެ ޝިއައީންނާއި ސުންނީންނާ ވެސް ވަރަށް ގުޅޭ ބޭފުޅެއްގެ ގޮތުގައެވެ.

ޕީޔޫކޭގެ ޕަލިމެންޓޭރިއަނެއް ކަމަށް ވާ ޢާރިޒް އަބްދުﷲއާ ހަވާލާދީ އިރާގުގެ ނޫހެއް ކަމަށްވާ ރުވާދުގައި ބުނެފައި ވަނީ، ސާލީހު ވަނީ، ވޯޓުގެ ނަތީޖާ ގަބޫލުފުޅުކުރައްވައި މައުސޫމަށް މަރުހަބާ ވިދާޅުވެފައި ކަމަށެވެ.

އެމެރިކާއިން އިރާގު އަޅުވެތި ކުރިފަހުން 2003 ވަނައަހަރު އިރާގުގެ ސުންނީންނާއި، ޝިއައީންނާއި ކުރުދީންގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެގައުމުގެ ރައީސް ކަމުގެ މަގާމަކީ ކުރުދީންނަށް ހާއްސަކޮށްފައި ވާ މަގާމެކެވެ. އަދި ބޮޑުވަޒީރުގެ މަގާމު ޝިއައީންނަށް ހަމަޖައްސާފައި ވާއިރު، ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމަކީ ސުންނީންނަށް ހާއްސަކުރެވިފައި ވާ މަގާމެކެވެ.

ކުރުދީންގެ ގުޅިފައިވާ ޕާޓީތަކުގެ އަގުލަބިއްޔަތުން ނިންމާފައި ވަނީ، ރައީސް ކަމުގެ މަގާމަށް ޕީޔޫކޭގެ މެންބަރަކު ހޮވުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު