ސިވިލް ސާވިސް މުވައްޒަފުންނަށް ބޯނަސް ދޭނެ އުސޫލު އާއްމުކޮށްފި

ސިވިލް ސާވީސްގެ މުވައްޒަފުނަށް މިދިޔަ އަހަރުގެ ބޯނަސް ފައިސާ ދޭނެ އުސޫލު އާންމުކޮށްފި އެވެ.

ސިވިލް ސާވީސް ކޮމިޝަނުން ވަނީ ބޯނަސް ދެވޭނެ މުވައްޒަފުންގެ ޝަރުތުތައް އާއްމުކޮން އެނގޭނެ ގޮތަށް ސާކިއުލާއެއް މިއަދު ނެރެފަ އެެވެ.

އެ ސާކިއުލާގައިވާ ގޮތުން ބޯނަސް ލިބޭނީ މަސައްކަތުގެ ފެންވަރުބެލި މުއްދަތުގެ ތެރޭގައި 80 ޕަސެންޓް އޮފީހަށް ނިކުމެފައިވާ މުވައްޒަފުންނަށެވެ. އަދި މަސައްކަތުގެ ފެންވަރުބެލި މުއްދަތުގެ ތެރޭގައި އޮފީހަށް ނާންގާއި މަސައްކަތަށް ނުނިކުމެ އެއްވެސް ދުވަހެއް އޮވެގެން ނުވާ އިރު ކުށެއް ކޮށްގެން މުއްދަތުގެ ތެރޭގައި އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަވެސް އަހަރީ ބޯނަސް ނުލިބޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ބޯނަސް ދިނުމަށް ޝަރުތުހަމަވާ މީހުންގެ މަސައްކަތްތައް ބެލުމަށް ފަހު 95 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބޭ މީހަކަށް އެމީހެއްގެ އެއް މަހުގެ މުސާރަ ބޯނަސް ގޮތުގައި ލިބޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި 85 އާއި 95 ދެމެދުގެ އިންސައްތަ މާކްސް ލިބޭ މުވައްޒަފުންނަށް އެ މީހަކަށް ލިބޭ އާސާސީ މުސާރައިގެ ތިން ބައިކުޅަ ދެ ބައި ބޯނަސް ފައިސާ ގޮތުގައި ދިނުމަށް ހަމަޖައްސާފައިވާ އިރު 84.9 ޕަސެންޓާއި 75 ޕަސެންޓް މާކްސް ލިބޭ މީހަކަށް އެ މީހެއްގެ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބައި ލިބެ އެވެ.

މުވައްޒަފުންގެ ފެންވަރު ބެލުމަށް ފަހު ދެވޭ ބޯނަސް ފައިސާއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށް ވެސް ސިވިލް ސާވީސް ކޮމިޝަނުން ނެރުނު ސާކިއުލާގަވެ އެވެ. އަދި ހުށަހެޅޭ ޝަކުވާތައް ބަލާނީ ތިން މެމްބަރުންގެ މައްޗައް އެކުލެވޭ ކޮމެޓީއަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސިވިލް ސާވިސްގައި މަސައްކަތްކުރާ ސިވިލްސާވަންޓުގެ ތެރެއިން މަސައްކަތަށް ރަނގަޅު މީހުންނަށް އަހަރީ ބޯނަސް ދިނުމަށް ސިވިލް ސާވިސް ކޮމިޝަން އިން ނިންމި މިއީ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ އަހަރީ ބޯނަސް ދިނުމަށް ފިނޭންސް މިނިސްޓްރީ އިން 40 މިލިއަން ރުފިޔާގެ ބަޖެޓެއް އެ ކޮމިޝަނަށް ދީފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު