ގޮޅިތަކުގެ ޖާގައަށްވުރެ ގިނައިން ފުވައްމުލަކު ޕޮލިސްޓޭޝަނުން މީހުން ބަންދުކުރޭ: އެޗްއާރުސީއެމް

އެކަށީގެންވާ ޖާގަ ނެތް އިރު، ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ފުވައްމުލަކު ޕޮލިސްޓޭޝަންގެ ގޮޅިތަކުގައި މީހުން ބައިތިއްބާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗުއާރުސީއެމުން އާންމުކޮށްފައިވާ އެންޓި ޓޯޗާ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ މާޗުމަހުގެ 22 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް ހަ ތަނަކަށް ޒިޔާރާތްކޮށް އެތަންތަނުގެ ހާލަތު މޮނިޓާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެކޮމިޝަންގެ ޓީމުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތަށްފަހު ބުނެފައިވަނި އެ ސްޓޭޝަނުގައި ހަދާފައިވާ ތިން ގޮޅީގެ އިތުރުން އަލަށް ހަދާފައިވާ 10 ގޮޅީގެ ތެރެއިން ދެ ގޮޅި ދާދިފަހުން ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް 10 ގޮޅީގެ ތެރެއިން އަށް ގޮޅި އެއްގޮތަކަށް ވެސް ބޭނުން ނުކުރާއިރު، ގޮޅިތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮންމެ ގޮޅިއެއްގެ ޖާގައަކީ ދެ މީހުން ކަމަށް ވާއިރު، ބައެއްފަހަރު ގޮޅިއެއްގައި ހަ މީހުން ވެސް ބަންދުކުރާ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން ގޮޅީގައި ތިބޭ ފަރާތްތަކަށް ނިދުމާއި, ކެއުމާއި ފާޚާނާ ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. މީގެ އިތުރުން ވެސް ގައިން ގަޔަށް އަރާ ހުމުގެ ބަލިތައް ވެސް އެކަމުގެ ސަބަބުން ފެތުރޭކަން އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގެ ރިޕޯޓުގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައި ތިބޭ މީހުންނާއި ހުކުމްކޮށްފައިވާ ގައިދީންނާއި އެއްގޮޅިއެއްގައި ބައިތިއްބާފައި ތިބޭ ކަމަށެވެ.

ފުވައްމުލަކުގެ އިތުރުން ހުޅުމާލޭގައި ހުންނަ ބިދޭސީ ހިޔާއާ ގުޅޭ ގޮތުން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތަކުގެ ތެރޭގައި، އެއްވެސް ބިދޭސީއަކު އެތަނުން ބޯހިޔާވަހިކަން ބޭނުންވެގެން އެދިފައިނުވާ ކަން ފާހަގަކޮށްފައިވެ އެވެ.

ހުޅުމާލޭގައި ހުންނަ ބިދޭސީ ހިޔާގައި މީހުން ބަންދުކޮށްގެން ނުބަލަހައްޓާއިރު، ބިދޭސީ ހިޔާއިން ހުޅުމާލެ ޖަލުން ބަންދުގައި ބޭތިއްބުމަށް ފޮނުވާލާ ފަރާތްތަކަށް، އެމީހަކު ކުށެއްގެ ތުހުމަތުގައި ބަންދުކުރަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމުގެ ގޮތުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން ފަދަ އެއްވެސް ހައްގެއް ލިބިދީފައިނު ވާކަން އިމިގްރޭޝަން މުވައްޒަފުންގެ ބަހުންނާއި ތަނުގެ ލިޔެކިޔުންތަކުން އެނގޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ހުޅުމާލޭ ޖަލަކީ އެކި މައްސަލަތަކުގައި ބަންދުކުރާ ބިދޭސީން އެމީހުން ގައުމަށް ފޮނުވާލެވެންދެން ބަންދުގައި ބޭތިއްބުމަށް ޚާއްސަކޮށްފައިވާ ތަނެކެވެ. އެޖަލުގައި މީހުން ބައިތިއްބާފައި ތިބެނީ ބޮޑު ދެ ކޮޓަރިއަށްވާކަހަލަ ތަނެއްގައި ކަމަށާއި އެއިން ކޮންމެ ގޮޅިއެއްގައި 48 ބިދޭސީން ބައިތިއްބާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އެކޮމިޝަންގެ އެންޓި ޓޯޗާ ރިޕޯޓު ނެރެފައި ވަނީ ވިލިމާލޭ ޕޮލިސް ސްޓޭޝަނާއި ބިދޭސީ ހިޔާ އާއި ހުޅުމާލޭ ޖަލުގެ އިތުރުން ފުވައްމުލަކު ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރާއި އެރަށު ޕޮލިސް ސްޓޭޝަނާއި ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް ޒިޔާރަތްކުރެއްވުމަށްފަހު އެވެ.

އެކޮމިޝަނުން ނެރެފައިވާ އެންޓި ޓޯޗާ ރިޕޯޓުގައި ޒިޔާރާތްކޮށްފައިވާ ތަންތަނުގައި މާބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައެއް ނުވެ އެވެ.

އެޗްއާރުސީއެމްގެ އެ ރިޕޯޓުގައި ބުނެފައި ވަނީ އެންޓި ޓޯޗާ ގާނޫނު ފާސްވުމަކީ އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް އެޅިގެންދާ ބާރަކަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނު ތަންފީޒު ކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކުން އެ މުއައްސަސާއެއްގެ ދައުރު އަދާކުރަންޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު