ބްރޯޑްކާސްޓިންގް ކޮމިޝަން ވަނީ ފެއިލްވެފައި: ލޮބީ ގްރޫޕް

ބްރޯޑްކާސްޓަރުންގެ ހައްގުތައް ހޯދައިދިނުމާއި ހިމާޔަތް ކޮށްދިނުމުގައި ބްރޯޑްކާސްޓިންގް ކޮމިޝަން ފެއިލްވެފައިވާ ކަމަށް ބުނެ، ކޮމިޝަނުގެ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނާ އެކު އިތުރަށް މަސައްކަތް ނުކުރަން ލޮބީ ގްރޫޕުން ނިންމައިފި އެވެ.

އެ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓަރުންނަށް ކުރިމަތިވެފައިވާ ގިނަ ގުނަ ގޮންޖެހުންތަކާއި އުނދަގޫތައް ހައްލުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިނގް ކޮމިޝަނާ އެކު މަޝްވަރާކޮށްގެން މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި އެ ގްރޫޕުގެ މެމްބަރުން 6 ޖުލައި 2014ގައި ކޮމިޝަނަށް ބައްދަލުކޮށް، ބްރޯޑްކާސްޓަރުންނަށް ހުރި ދަތިތަކުގެ ވާހަކަ ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކުރި ކަމަށެވެ.

ނަމަވެސް އެ ގްރޫޕުން ހުށަހެޅި މައްސަލަތަކުގެ ވަރަށް ކުޑަ މިންވަރެއް މެނުވީ ހައްލު ކުރުމަށް ކޮމިޝަނުން މިދިޔަ 18 ވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތްކޮށްފައި ނުވާ ކަމަށް ވެސް ލޮބީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެ އެވެ.

"...ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ މީޑިއާ ކަމަށްވީ ހިނދު ރާއްޖޭގެ މީޑިއާ ދެމެހެއްޓެނިވި ގޮތަކަށް ހިނގަން އެތައްބައިވަރު ގޮންޖެހުންތަކެއް އެބަހުއްޓެވެ. ބްރޯޑްކާސްޓަރުންނަކީ ކަރަންޓާއި އިންޓަނެޓަށް ބޮޑު ހޭދައެއް ކުރަންޖެހޭ ބައެއްކަމުން މި ހަރަދަށް ލުޔެއް ހޯދައިދިނުމަށް ކޮމިޝަނުން މަސައްކަތް ކޮށްދިނުމަށް އެދުމުން، ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވި ސިޓީއެއް އެ އޮފީގަށް ރައްދު ނުވަނީސް އެ މައުލޫމާތު މީޑިއާއަށް ހާމަކޮށް، ސިޔާސީކަމެއް ކުރާ ފަދައިން ކަންކުރުމުން މި ކަމުގައި ކޮމިޝަނުގެ އިހްލާސްތެރިކަމެއް ނެތްކަމާއި ނިޔަތް ރަނގަޅު ނޫންކަން ހާމަވެ އެވެ،" އެ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެ އެވެ.

އެ ނޫސްބަޔާނުގައި ބުނީ، ފީފާ ވޯލްޑް ކަޕް 2014 އާ ގުޅިގެން ބްރޯޑްކާސްޓަރުންގެ ޝަކުވާތައް ލިބެމުން ދިޔަ އިރު، މައްސަލަ އާއިގެން ކޯޓަށް ދިއުމަށް ކޮމިޝަނުން ފަސްޖެހުނުކަމީ، އެ ކަމުގައި އެ މުއައްސަސާގެ މައްޗަށް އޮތް އިތުބާރު ގެއްލުނު ކަމަކަށްވި ކަމަށާއި މީޑިއާ ނެޓުން ކޯޓަށް ދިއުމުން ކޯޓުގައި ކޮމިޝަން އަމަލުކުރެއްވި ގޮތާއި އަމިއްލައަށް ނެރުނު އަމުރެއް ދިފާއު ނުކުރެވުނީމަ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން ފެއިލްވެފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.

އަދި ލޮބީ ގްރޫޕުން މިދިޔަ 25 ވަރަކަށް ދުވަހުގެ ތެރޭގައި ބައެއް ކަހަލަ ކަންކަން ހައްލުކުރުމުގެ ނަމުގައި ކޮމިޝަނުން ނެރެފައިވާ ބަޔާންތަކާއި އިއުލާންތަކަކީ ވެސް އޭގައި ހަގީގީ އިހުލާސްތެރި ނިޔަތެއް އޮވެގެން ނެރުނު ތަކެއްޗެއް ނޫން ކަމަށާއި އެއީ އެ ގްރޫޕުގެ ޕްރެޝަރު ބޮޑުވެގެން ނަމެއްގައި ކުރި ކަމެއް ކަމުގައި އެ ގްރޫޕުން ގަބޫލުކުރާ ކަމުގައި ލޮބީ ގްރޫޕުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު