އެޗްއާރްސީއެމްގެ މެމްބަރުން ޖުވެނައިލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބެލެވޭ މައްސަލަ ތަހުގީގު ކުރަން ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޖުވެނައިލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެޗްއާރްސީއެމް އިން އެ ކޯޓަށް ފޮނުވާފައިވާ ''ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލާ ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓު'ގައި ހަގީގަތާ ޚިލާފަށް ބަޔާންކޮށްފައި ހުރި ކަންތައްތަކެއް އެ ކޯޓަށް ފާހަގަ ކުރެވޭ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ރިޕޯޓުގައި ހަގީގަތާ ޚިލާފަށް ބަޔާންކޮށްފައިވާ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ފާހަގަކުރެވޭތީ، އެކަން ހިނގައި ދިޔަ ގޮތް އޮޅުންފިލުވައި ސުވާލުކުރުމަށް ކޮމިޝަނުގެ މެންބަރުން ކޯޓަށް ހާޒިރުކުރެވިފައިވީ ނަމަވެސް، އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދިނުމުގައި މެންބަރުންގެ ފަރާތުން ކޯޓަށް އެއްބާރުލުންދީފައިނުވާ ކަމަށެވެ.

އެޗްއާރްސީއެމުން އެކުލަވާލާފައިވާ ރިޕޯޓުގައި ހުރި ހަގީގަތާ ޚިލާފު ބައިތައް އިސްލާހުކޮށް އަލުން ރިޕޯޓު އެކުލަވާލައި އެކަމަށް މައާފަށްއެދުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ކޯޓުން އެ ކޮމިޝަނަށް ދިނުމުން ވެސް އެގޮތުގެމަތިން އަމަލުކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިކަންކަން ކުރުމަށް ކޮމިޝަނަށް ދެވުނު އެއް މަސް ދުވަހުގެ ތެރޭގައި ކޯޓުން އަންގާފައިވާ ގޮތުގެ މަތިން ކޮމިޝަނުން އަމަލުކޮށްފައި ނުވާތީ، ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ނިންމާފައި ވަނީ އެ މައްސަލަ ތަހްގީގުކުރުމަށް ކަމާގުޅޭ އިދާރާއަށް ފޮނުވުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު