ޕީއެސްޖީ ދޫކޮށް، ޖަލެޓް ލިޔޯން އަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ފްރާންސް ޑިފެންޑަރު ކްރިސްޓޮފް ޖަލެޓް، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ލިޔޯންއާ އެކު ސޮއިކޮށްފި އެވެ.

ޕީއެސްޖީގެ ރައިޓް ބެކް މަގާމަށް ކުޅުނު ޖަލެޓްއަށް މިދިޔަ ސީޒަނުގައި ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކީ ފުރަތަމަ އެގާރައިން ޖާގަ ހޯދުމެވެ. މިދިޔަ ސީޒަނުގައި އުމުރުން 30 އަހަރުގެ ޖަލެޓްއަށް އުނދަގުލަކާއި ކުރިމަތިވީ ނެދަލެންޑްސްގެ ޑިފެންޑަރު ވެން ޑަ ވީލްގެ ސަބަބުންނެވެ.

ޕީއެސްޖީ ދޫކޮށް ލިޔޯންއާ ޖަލެޓް ގުޅުނީ ދާދި ފަހުން އައިވަރީ ކޯސްޓްގެ ސާޖް އޯރިއާގެ ސަބަބުން އިތުރު އުނދަގުލަކާއި ކުރިމަތިލާން ޖެހޭނެތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އަހަރެން ބޭނުންވާ ވާހަކަ ލިޔޯންއިން ބުނި ވަގުތުން ފެށިގެން އެ ކްލަބާ މެދު އަހަރެން ދެކެމުން އައީ އެއީ މުހިންމު ކްލަބެއްގެ ގޮތުގައި،" ލިޔޯންގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޖަލެޓް ބުންޏެވެ. "އަހަރެން މި ކްލަބާ ގުޅުމުން މިހުރީ ވަރަށް އުފާވެފައި. މިއީ އަހަރެންނަށް އާ ގޮންޖެހުމެއް. އަހަރެންގެ ކެރިޔަރުގައި ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފިން."

ޖަލެޓް ބުނީ، އޭނާ ބުން ވަނީ އާ ފިޔަވަޅުތަކެއް ނަގައިގެން ކުރިއަށްދާން ކަމަށާއި ޕީއެސްޖީގައި ހޭދަކުރީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ލިޔޯންގެ ޑިފެންސްގެ ފެންވަރު ރަނގަޅުކޮށް، އަންނަ ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހަދައިދިނުމަށް ލިޔޯންއަށް އެހީތެރިވެދިނުމަށް ތައްޔާރަށް ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ފްރާންސް ގައުމީ ޓީމަށް ޖެލެޓް ފަސް މެޗު ކުޅުނު އިރު، ލޮރިއެންޓް އިން އޭނާ ޕީއެސްޖީއާ ގުޅުނީ 2009 ވަނަ އަހަރު އެވެ. ޕީއެސްޖީއާ ގުޅުމަށް ފަހު، އޭނާ ވަނީ އެކްލަބާއެކު ފްރާންސްގެ ދެ ލީގު ތަށި ކާމިޔާބުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު