ބާސާ އަށް ކުޅެވޭ ގޮތަށް ސުއަރޭޒްގެ އަދަބު ލުއިކޮށްދެނީ

ބާސެލޯނާއަށް އަލަށް ސޮއިކުރި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒްގެ ސަސްޕެންޝަނުގެ އަދަބު ލުއިކޮށް، ބާސާއަށް ކުޅެވޭ ގޮތަށް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަ ކޯޓް އޮފް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އިން ބުނެފި އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ސަބަބުން ފީފާއިން ވަނީ ސުއަރޭޒްއަށް ސަސްޕެންޝަނެއް ކުރިމަތި ކުރުވައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފީފާއިން ނިންމީ ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ސުއަރޭޒް އަށް ބައިވެރިނުވެވޭ ގޮތަށް ހަތަރު މަހަށް ސުއަރޭޒް ސަސްޕެންޑްކޮށް، ގައުމީ ޓީމު ކުޅޭ ނުވަ މެޗަށް އޭނާ ސަސްޕެންޑް ކުރުމަށެވެ.

ސުއަރޭޒްއަށް ބޮޑު ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުން އެޕީލްކުރުމަށް ފީފާއަށް ހުށަހެޅި ނަމަވެސް އެ އިދާރާ އިން ވަނީ އެ ހުށަހެޅުން ބަލައިނުގަނެ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ސުއަރޭޒް ވަނީ 88 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ. ނަމަވެސް ފީފާގެ ސަސްޕެންޝަނުގެ ސަބަބުން އެ ކްލަބަށް ވަނީ އެޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ސުއަރޭޒް އާންމު ނުކުރެވިފަ އެވެ.

ސުއަރޭޒްގެ އަދަބު ލުއިކޮށްދިނުމަށް ސީއޭއެސް އަށް މައްސަލަ ހުށަހެޅީ ބާސާއިންނެވެ. ދާދި ފަހުން ސުއަރޭޒްގެ ވަކީލު ވެސް ވަނީ ފީފާގެ ބޮޑު ސަސްޕެންޝަނުގެ ސަބަބުން އެ އިދާރާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ސީއޭއެސްގެ އޮފިޝަލަކު ބުނީ، ގައުމީ ޓީމަށް ކުޅޭ މެޗުތަކަށް މައާފް ނުދެވުނު ނަމަވެސް ބާސާއަށް ކުޅޭ މެޗުތަކުގެ ސަސްޕެންޝަނަށް މައާފު ދެވިދާނެ ކަމަށެވެ. އެހެންކަމުން ސީއޭއެސް އިން ނިންމާ ގޮތަކުން ސުއަރޭޒް އަށް ބާސާ ކުޅޭ ފުރަތަމަ މެޗުގައި ބައިވެރިވެވޭނެ އެވެ.

"މިހާރު އަހަރެމެންނަށް އެ މައްސަލަ ލިބިއްޖެ. ސުއަރޭޒްގެ ސަސްޕެންޝަނަށް އަދަބު ލުއިކޮށްދޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" 'ގޯލް' އަށް ދިން އިންޓަވިއުއެއްގައި ސީއޭއެސްގެ އޮފިޝަލަކު ބުންޏެވެ. "އެ ސަސްޕެންޝަން ހަމައެކަނި ކުރިމަތިވާނީ ގައުމީ ޓީމަށް. އޭނާއަށް ބާސާއަށް ކުޅެވެންޖެހޭ."

ފީފާގެ ސަސްޕެންޝަނުގެ ސަބަބުން ސުއަރޭޒްއަށް ބާސާގެ ފަރިތަކުރުންތަކުގަ އާއި އެ ކްލަބުގެ ސްޓޭޑިއަމް ތެރެއަކަށް ވެސް ނުވަދެވެއެވެ. ސުއަރޭޒް ކުރި ކުށުގެ އަދަބެއްގެ ގޮތުގައި 82000 ޔޫރޯ އިން އޭނާ ޖޫރިމަނާކުރި އިރު، ސުއަރޭޒް ކުރި ކުށަށް އޭނާ ވަނީ މައާފަށް އެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު