އެދުރުހިޔާގެ ފްލެޓްތަކުގައި ގިނަ މީހުން ދިރިއުޅެން ފަށައިފި

ޓީޗަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން އިމާރާތްކުރި "އެދުރުހިޔާ" އިން ފްލެޓް ލިބުނު ގިނަ މީހުން ފްލެޓްތަކަށް ބަދަލުވެ ދިރިއުޅެން ފަށައިފި އެވެ.

ތައުލީމީ ފަންޑު ހިނގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހީދު މިއަދު ވިދާޅުވީ، ޓީޗަރުންނަށް އަމާޒުކޮށްގެން އިމާރާތް ކުރި 10 ބުރީގެ އެދުރުހިޔާ އިމާރާތުން އާއްމުކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 75 ފްލެޓް ލިބުނު މީހުންނާ އެކު ހަދަން ޖެހޭ އެގްރިމަންޓްތަކުގައި ސޮއިކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 73 މީހުންނާ އެކު އެގްރިމަންޓުގައި ސޮއިކޮށްފައިވާ އިރު، އޭގެން ގިނަ މީހުން މިހާރު ފްލެޓްތަކަށް ބަދަލުވާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، ފްލެޓްތަކަށް ބަދަލުވާ މީހުންނާ އެކު ހަދާ އެގްރިމަންޓުގައި އެމީހުން އަމަލުކުރަންޖެހޭނެ އުސޫލުތަކާއި އެހެނިހެން ކަންތައްތައް ހިމަނާފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ފްލެޓްތަކުގައި ދިރިއުޅެވޭނީ އިމާރާތުގައި ދިރިއުޅޭނެ ކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ މީހުންނަށް ކަމަށް ބުނެފައިވާ އިރު، އެ އުސޫލުތަކާ ހިލާފުވާ މީހުންގެ އަތުން ނޯޓިސް ދިނުމަށް ފަހު ފްލެޓް އަތުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެގްރިމެންޓުގައި އެބަ ބަޔާން ކުރޭ ހުއްދަދޭ ފަރާތްތަކުން ނޫން އެހެން ބަޔަކު ބައިތިއްބައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ދެން އެފަރާތްތަކުން ބައިތިއްބައިފި ކަމުގަވާ ނަމަ އެކަން ސާބިތުވެއްޖެކަމުގައިވާ ނަމަ ފަސް މަސް ދުވަހުގެ ނޯޓިސްއާ އެކު ފްލެޓު ވަކި ކުރުމުގެ ނޯޓިސް ދެވޭނެ ކަމަށް." އަލީ ވަހީދު ވިދާޅުވި އެވެ.

އެގޮތުން މިހާރު ކުރެވިފައިވާ އެއްބަސްވުންތަކަށް ބަލާ އިރު، ގާތްގަނޑަކަށް 400 މީހުން އެދުރުހިޔާގައި އުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިމާރާތް ބަލަހައްޓައި އިމާރާތުގެ ކަންތައްތައް ކުރުމުގައި އެދުރުހިޔާ އަށް ބަދަލުވާ މީހުންގެ ތެރެއިން ހާއްސަ ކޮމެޓީއެއް އެކުލަވާލާނެ ކަމަށާއި އިމާރާތުގެ ކަންތައްތައް ކުރިއަށްދާނީ އެބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެދުރުހިޔާ އިން ދެ ކޮޓަރީގެ ފެލެޓެއް ލިބުނު ދަރުމަވަންތަ ސްކޫލްގެ ލީޑިން ޓީޗަރެއް ކަމަށްވާ އަމްޖަދު ރަޝާދު ވިދާޅުވީ، ފްލެޓަށް ބަދަލުވި އިރު އަސާސީ ގޮތުން ލިބެން ޖެހޭ ހުރިހާ ކަމެއް ޖުމްލަ ކޮށް ލިބެން ހުރި ކަމަށެވެ. އޭގެ އިތުރުން ފްލެޓްގައި ކުނި މެނޭޖްކުރުމުގެ ކަންތައް ހުރިގޮތުން ހިތްހަމަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ހިދުމަތްކުރާތާ 23 އަހަރުވެފައިވާ ފާތުމަތު މަންސޫރު ވިދާޅުވީ، އަސާސީ ހުރިހާ ކަމެއް ވެސް ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް މައްސަލަތަކެއް އެބަހުރި ކަަމަށެވެ.

"ކަރަންޓުގެ މައްސަލަ ވެސް އެބަހުރި. އެއްޗެހި ދޮންނަ މެޝިނު ފަދަ އެއްޗެހި ބަހައްޓާނެ ތަނުގެ ވެސް ފެންވައިރު ކުރުމުގެ ގޮތަކަށް ނޫން ހުރީ. ނަމަވެސް ގިނަ ކަންތައްތައް ހުރީ ރަނގަޅަށް،" މުހްޔިއްދީން ސްކޫލްގައި އިސްލާމް ކިޔަވައިދޭ ޓީޗަރު ވިދާޅުވި އެވެ.

ތައުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 62 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ 10 ބުރީގެ އެދުރުހިޔާގައި ހިމެނެނީ، އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެކެވެ.

އޭގެ ތެރެއިން، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 75 އެޕާޓްމަންޓެވެ. ބާކީ ފަސް އެޕާޓްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ހާއްސަ އެޕާޓްމަންޓްތަކެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު