އުމަރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ޝަރުއީ ހުރިހާ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް ޝަރީއަތުން އިއުލާންކުރާ ކަމަށެވެ. ނަމަވެސް މައްސަލަ ދިރާސާކުރުމުގައި އިތުރުކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.

އެ ދައުވާ އުމަރުގެ މައްޗަށް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި އުމަރު ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ރެކޯޑިން އެވެ.

އެ ވީޑިއޯއާ ބެހޭ ގޮތުން އުމަރުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން މިއަދު ވަނީ ތަފްސީލުކޮށް ވާހަކަ ދައްކަވާފަ އެވެ.

އުމަރުގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލަތަކުގައި އަޑުނަގައި ރެކޯޑު ކުރުމުގައި އަމަލު ކުރަން ޖެހޭ ވަކި އިޖުރާއަތުތަކެއް ހުންނަ ކަމަށާއި އެ މައްސަލާގައި އެ އިޖުރާއަތުތައް ފުރިހަމަކުރިކަން އެނގެން ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީ ރިޕޯޓެއް ތައްޔާރުކޮށްފައިވާކަން ވެސް އެނގެން ނެތް ކަމަށާއި އެކަންކަން ފުރިހަމަކޮށްފައި ވޭތޯ ބެލުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ދައުލަތުގެ ވަކީލު އަބްދުﷲ ރާބިއު ވިދާޅުވީ އެއީ އިޖުރާއީ ގޮތުން ސައްޚަ ހެއްކެއް ކަމަށާއި އެ ވީޑިއޯ އަކީ ޓީވީ ސްޓޭޝަންތަކުން ހޯދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެއީ އެފަދަ މައްސަލަތަކުގައި ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލުކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް ގިނައިރުތަކެއް ވަންދެން މެދުކަނޑާލުމަށް ފަހު ކޯޓުން ވަނީ އެ ވީޑިއޯ އުމަރަށް ދައްކައިފަ އެވެ.
ވީޑިއޯ ބެއްލެވުމަށް ފަހު އުމަރު ވިދާޅުވީ ސީޑީން ފެންނަ މަންޒަރާއި އަޑާ ދިމާނުވާ ކަމަށާއި ވީޑިއޯގެ ބައެއް ތަންތަން ކެނޑިކެނޑިގެން އަންނަ ކަމަށެވެ. އެހެންކަމުން އެ ވީޑިއޯއާ މެދު ސުވާލު އުފެދޭ ކަމަށް އުމަތު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެ ވީޑިއޯ އިން އިވޭ އަޑާއި އޭނާގެ އަޑާ ވައްތަރު ކަމަށާއި އެކަހަލަ ވާހަކަތަކަކީ ގޯޅި ގޯލި ތަކުގައްޔާއި ޓީވީތަކާއި ސިޓިންރޫމްތަކުގައި އަބަދުވެސް އޭނާ ދައްކަވާ ވާހަކަތަކެއް ކަމަށެވެ.

ފަންސާސް ހަރުގަނޑު ބޭނުންކޮށްގެން 15 ފޫޓުގެ ތަނަކަށް އަރާވާކަ މުޒާހަރާގައި އުމަރު ދައްކަވާފައިވާ އިރު، އެއީ ސިފައިންގެ މައި މަރުކަޒަށް ވަނުމަށް ދޭހަވާ ގޮތަށް ދައްކާފައިވާ ވާހަކައެއް ކަމަށް ދައުލަތުގެ ދައުވާގައި ބުނެފައިވާތީ އެކަމާ ގުޅޭގޮތުން އުމަރު ވަނީ މިއަދު ވާހަކަދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ހަރުގަނޑު ބޭނުންކޮށްގެން އިސްލާމީ މަރުކަޒާއި އާ ސަރަހާއަށް ވެސް ވަދެވިދާނެ ކަމަށާއި އެ ދެ ތަނުގައި ވެސް ހުންނަނީ 15 ފޫޓުގެ ފާރެއް ކަމަށެވެ. އަދި ވިދާޅުވީ ހަރުގަނޑު ބޭނުންކޮށްގެން 15 ފޫޓުގެ ތަނަކަށް އަރާކަމަށް ބުނާ އިރު، އެކި މީހުންނަށް އެކަން ދޭހަ ކުރާނީ އެކި ގޮތްގޮތަށް ކަމަށާއި އެހެންކަމުން ކަށަވަރުނުވާ ކަމެއްގެ މައްޗަށް ޝަރީއަތުން ހުކުމް ކަނޑަނޭޅޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މުޒާހަރާގައި އުމަރު ދައްކަވާފައިވާ ވާހަކަށް ބަލާ އިރު، ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ވަނުމަށް ދޭހަވާގޮތަށް ވާހަކަ ދައްކާފައިވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން ސިފައިން ވަރުބަލިކޮށްލުމަށްފަހު ހަރުގަނޑު ޖަހާ ވާހަކަދެއްކުމުން އެކަމުން ވެސް އެއީ ސިފައިންގެ އިދާރާގެ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކައެއްކަން އެނގޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު