ބިމާއި ފަޅާއި ފަޅުރަށްތައް ކައުންސިލްތަކުން ނަގަން ސަރުކާރުން ބިލެއް ހުށަހަޅައިފި

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތަކާއި ފަޅުރަށްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފި އެވެ.

"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު"އަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު ރިޔާޒު ރަޝީދު ހުށަހަޅާފައިވާ އިސްލާހުތަކުގައިވާ ގޮތުން ކައުންސިލްތަކަށް ބިމާ ބެހޭ "މުއާމަލާތެއް" ނުކުރެވޭނެ އެވެ. އެގޮތުން މިހާރު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ބިމެއް ސަރުކާރުގެ ބިމާ ބެހޭ ވުޒާރާ ނުވަތަ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ބިލުގައި ހުށަހަޅާފައިވެ އެވެ. އަދި އެއްވެސް ކައުންސިލަކަށް އެއްވެސް ބިމެއް ކުއްޔައްދީ ނުވަތަ ވިއްކައި ހެދުމުގެ އެއްވެސް ބާރެއް ކައުންސިލްތަކަށް ނޮއޮންނާނެ ކަމަށް ވެސް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ.
~
ލާމަރުކަޒީ ގާނޫނުގެ އިސްލާހު ހުށަހެޅުއްވި ސަބަބާ ބެހޭ ގޮތުން ބިލްގައި ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ ދެ މުއައްސަސާއަކަށް ބިމުގެ މިލްކުވެރިކަން އޮތުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ބިންތައް އޮންނަން ވާނީ ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް ސަރުކަރަށް ފެންނާތީ ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށް ރިޔާޒް ވިދާޅުވެފައިވެ އެވެ.

ރިޔާޒް ވިދާޅުވީ "އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކާއި ހައުންސިން މިނިސްޓްރީއާ ދެމެދުގައި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހަލެއް ލިބިގެންދާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ރިޔާޒް ހުށަހެޅުއްވި އިސްލާހުތަކުގައިވާ ގޮތުން ކައުންސިލްތަކުގެ ޒިންމާއަކަށް ވެގެން ދާނީ އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް ނުވަތަ އެ ސިޓީއަކަށް ނިސްބަތްވާ ރަށެއް ފަޅުރަށެއް ނުވަތަ ބިމެއް ކުއްޔަންދޭން ނުވަތަ ވިއްކަން ބޭނުން ވެއްޖެ ނަމަ އެކަމުގެ މަޝްވަރާ ބިމާ ބެހޭ ވުޒާރާއަށް ދިނުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން ބިމާ ބެހޭ ވުޒާރާގެ ފަރާތުން ކައުންސިލްތަކާއި ހަވާލުކުރާ ބިންތަކުގެ ނުވަތަ އެ ކައުންސިލް ތަކުގެ ދާއިރާގެ ތެރޭގައި ހިމެނޭ ބިންތަކުގެ ކުލި ފިޔަވައި އެހެން އެއްވެސް ބިމެއްގެ ކުލި ނުވަތަ ފަޅެއްގެ ކުލި ކައުންސިލަށް ނެގުމުގެ ބާރެއް އެއްވެސް ކައުންސިލަކަށް ނޮއޮންނާނެ އެވެ.

އެގޮތުން ރަށެއްގައިވާ ބިމެއްގައި އެއްވެސް ފަރާތަކުން އިންވެސްޓެއް ކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ބިމާއި ބެހޭ ވުޒާރާ މެދުވެރިކޮށް ކަމަށް އިސްލާހުގައި ބުނެ އެވެ. ކައުންސިލްތަކަށް ހަމައެކަނި ލިބިފައިވާ ބާރަކީ އެކަމާއި ގުޅޭގޮތުން ބިމާއި ބެހޭ ވުޒާރާއަށް މަޝްވަރާ އާއި ލަފާ ދިނުމެވެ.

ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހުގެ ދަށުން އެ ބިލް ގާނޫނަކަށްވެ ރައީސުލްޖުމްހޫރީއްޔާ އެ ބިލް ތަސްދީގު ކުރައްވައި ސަރުކޫގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ހުރިހައި ބިމެއް ސަރުކާރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވެސް ބިލުގައިވެ އެވެ.

"މި ގާނޫނުގެ ބޭނުމަށްޓަކައި މި ގާނުނުފާސްވެ، ތަސްދީގުކުރާ ދުވަހުން ފެށިގެން އިގްތިސާދީ ނުވަތަ އިޖްތިމާއި ބޭނުންތަކަށް ކައުންސިލްތަކުން ކުއްޔަށްދީފައިވާ ބިންބިމާއި ފަޅުރަށްތައް ބިމާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރެވޭނެ އެވެ." ރިޔާޒް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު