ކޮންޓޭ ޕީއެސްޖީއާ ހަވާލުވާން އުޅޭ ވާހަކަތައް އޭނާ ދޮގުކޮށްފި

ކުރީގެ ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، ފްރާންސްގެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗުކަމާ ހަވާލުވާން އުޅޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އުމުރުން 44 އަހަރުގެ ކޯޗު ކޮންޓޭ، މިދިޔަ ހަފްތާގައި ޔުވެންޓަސްގެ ކޯޗުކަމުން އިސްތިއުފާ ދިނުމުން ގިނަ ބަޔަކަށް ހައިރާން ކަމެއް ކުރިމަތި ކުރުވި އެވެ. އޭގެ ފަހުން ދެން ރިޕޯޓްތައް ބުނަމުން ދިޔައީ ޕީއެސްޖީގެ ކޯޗު ލޯރަންޓް ބްލޭންކްގެ ބަދަލުގައި އެ މަގާމު ކޮންޓޭއާ ހަވާލުކުރަން އުޅޭ ވާހަކަތަކެވެ.

ކޮންޓޭގެ ޗުއްޓީ ހޭދަކޮށްލުމަށް ފަހު އެނބުރި އިޓަލީއަށް އައިސް އޭނާ ބުނީ، ޕީއެސްޖީއާއެކު ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އެ ކްލަބުގެ ކޯޗުކަމާ ހަވާލުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"އަހަރެން ވެސް އެ ވާހަކަތައް އަޑު އެހިން،" 'އަންސާ' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "ޕީއެސްޖީއާ ވާހަކަ ދައްކާފައެއް އަދި އެޖެންޓެއް ލައްވާ ވެސް ވާހަކަ ދައްކާފައެއް ނުވާނެ. އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް މީޑީއާގައި ނުފެތުރުން އެދެން."

ޔުވެންޓަސްއާ 2011 ވަނަ އަހަރު ހަވާލުވި ކޮންޓޭ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާ ކާމިޔާބުކޮށްދިނުމަށް އެކްލަބަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާއަކީ ޔުވެންޓަސްއިން ޖެހިޖެހިގެން ހޯދި ތިންވަނަ ލީގު ތައްޓެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު