މަސައްކަތް ފަށައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: އިންފޮމޭޝަން ކޮމިޝަނަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދާކުރަން ޖެހޭ މަގާމުގެ މައްސޫލިއްޔަތު އަދާކުރަން ފަށައިގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (އަޒީ) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އަޒީ "ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުމަކީ މުވައްޒަފުން ހަމަޖެހިފައިނެތުމާއި ބަޖެޓެއް ހަމަޖެހިފައިނެތުން ކަމަށެވެ.

އޭނާ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ބަޖެޓެއް ހަމަޖެއްސެން އޮތީ އެ އޮފީހުގައި ފައިސާގެ ކަންތައް ބަލަހައްޓާނެ ދެ މުވައްޒަފުން ތިބެގެން ކަމަށާއި ނަމަވެސް ބަޖެޓެއް ލިބިގެން ނޫނީ މުވައްޒަފަކު ނެގެން ނެތް ކަމަށެވެ.

"އޮފީސް ގާއިމުކޮށްފައި ހުރި ކަމަށްވީ ނަމަވެސް ހަމަ އެކަނި އޮފީސް ހުރީ. މުވައްޒަފެއް ނެތް، ބަޖެޓެއް ނެތް. ބަޖެޓް އެތަނަށް ލެވެން އަންނަނީ ފިނޭސް ކަންތައް ބަލަހައްޓާ މުވައްޒަފުން ތިބެގެން. މުވައްޒަފުން ލެވެން އަންނަނީ ބަޖެޓް ލިބިގެން. އެހެންވީމާ ވަރަށް ބޮޑު ޕަޒްލްއެއް ތެރޭގައި. އެހެންވީމާ އަޅުގަނޑަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި،" އަޒީ ވިދާާޅުވި އެވެ.

އަޒީ ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ފިނޭންސް މިނިސްޓްރީގެ ބަޖެޓުން ކަންކަން ހަމަޖައްސައިދީގެން ކަމަށެވެ.

ގޮންޖެހުންތަކާ އެކު ވެސް މަގާމުގެ މައްސޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އެގޮތުން މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ތިން މަސް ދުވަސް ތެރޭގައި ހަދަން ޖެހޭ ފަސް ގަވާއިދެއް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިޔެކިއުމުގެ މަސައްކަތަކީ އެހާ އުނދަގޫ ކަމަކަށްނުވާތީވެ އެހެން މުވައްޒަފެއްގެ އެހީއާ ނުލާވެސް އަޅުގަނޑަށް ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ ތިން މަސް ހަމަ ވުމުގެ ކުރީގައި ގަވައިދުތައް ހަދާ ޝާއިރުކުރާނެ ކަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވައިދުތަކުގެ ދެލި ކޮޕީތައް ހެދުމަށް ފަހު މީޑިޔާތަކާއި ހިއްސާ ކުރައްވާނެ ކަމަށާއި އެންމެ ފުރިހަމަ ގަވައިދުތައް އެކުލަވާލެވޭ ވަރަށް ވުރެ ލިބިފައިވާ މުއްދަތު ކުރު ކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދުތައް އެކުލަވާލުމުގައި ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ތަނެއް ނެތް ކަމަށެވެ.

"ގަވައިދުތައް އެކުލަވާލަން ޖެހެނީ އެކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް އަޅުގަނޑަށް ނެތް ގުޅުން ހުރި ފަރާތްތަކާ ބައްދަލުކުރެވޭނެ ތަނެއް ވެސް. ވަރަށް ގިނަ އުނދަގޫތަކާއެކުގައި މި ފަށަންޖެހުނީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ މައްސޫލިޔަތަކީ ކޮބައިކަން ސާފްކޮށް ބަޔާންކޮށްފައިނުވާ ކަމަށް ވެސް އަޒީ ވިދާޅުވި އެވެ. އެއީ އެ ގާނޫނުގައި އޮތް "އުނިކަމެއް" ގޮތުގައި ފާހަގަ ކުރެއްވެވި އެވެ.

"އުނިކަމެއް އޮންނާނެ މީގައި[ މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި]. އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށްފައިއެއް ނޯންނާނެ. ގާނޫނުގައި ބުނެފައިވާ ކަންކަން އެއީ އަޅުގަނޑު ގަބޫލު ކުރަނީ އެއީ އަޅުގަނޑު ކުރަން ޖެހޭ ކަންކަން ކަމަށް. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް އެހާ ސަރީހަކޮން ކަޅާއި ހުދުން ލިޔެ ބަޔާންކޮށްފައި ނުވޭ،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ގާނޫނުގައި ހުރި ބައެއް އުނި ކަންތައް ގާނޫނު ތަންފީޒް ކުރަމުންދާ އިރު އިސްލާހު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަޒީ ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރެއްގެ މަގާމަށް އައްޔަން ކުރުމަށް އޭނާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުން މަޖިލީހަށް ފޮނުއްވީ ސިޔާސީ ފިކުރަށް ބައްލަވާފައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތުން ސިޔާސީ އެއްވެސް ނުފޫޒެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަޒީ ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެންމެ ކުޑައިރުން ފެށިގެން ވެސް މީޑިޔާއާ ވަރަށް ރައްޓެހި މީހެއް. ވަރަށް ގިނަ އިން ނޫސްތަކުގައި ލިޔެ އުޅުނު މީހެއް. ނޫސްތަކުގައި އެޑިޓަރު ކަމާއި ސަބް އެޑިޓަރުކަން ކުރި މީހެއް. މައުލޫމާލު ހޯދައި ލިބިގަތުމުގެ ގާނޫނު ދިރާސާކޮށް އޭތި އިސްލާހުކޮށް ކުރަން ޖެހުނު މަސައްކަތްތަކުގައި އެންމެ އިސްކޮށް އެންމެ ގިނަ މަސައްކަތެއް ކުރި މީހަކީ އަޅުގަނޑު ކަމަށް ވާތީ [އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރައްވަން ނިންމެވީ] ކަމަށް ގަބޫލު ކުރަނީ،"

ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ގަބޫލު ކުރައްވާ ގޮތުގައި މައުލޫމާތެއް ހާމަ ކޮށްގެން ގައުމީ މަސްލަހަތަށް ނުރައްކަލެއް އައިކަމުގައިވީ ނަމަވެސް އެ ނުކުރައްކަލަށް ވުރެ ބޮޑަށް އެ މައުލޫމާތު ހާމަ ކުރުމުން ލިބޭ ފައިދާ ބޮޑު ކަމަށްވާ ނަމަ ހާމަ ކުރުމަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު މަގުސަދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު