އެމްއެންޑީއެފްގެ ބިލިއާޑް މުބާރަތް ނިމިއްޖެ

އެމްއެންޑީއެފް އިންޓަ ޔުނިޓް އެއްވަނަ ބިލިއާޑް މުބާރާތް ރޭ ނިމިއްޖެ އެވެ.

މިމުބާރާތް ނިންމުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ. މިރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވާހަކަފުޅުދައްކަވަމުން ބިލިއާޑް ސިފައިންގެ ތެރެއަށް ތަޢާރަފުވެގެން އައިއިރު ބިލިއާޑަކީ ރާއްޖެ އަށް އެހާ އާންމު ކުޅިވަރެއް ނޫން ކަމަށާއި އެމަނިކުފާނުގެ ވިސްނުންފުޅު އޭރު ގެންގުޅުއްވީ މުނިފޫހި ފިލުވުމުގެ ކަންތައްތަކުގެ ތެރެއިން ބިލިއާޑް ކުޅިވަރަކީ ވެސް ސިފައިންގެ ތެރޭގައި އަހުލުވެރިވެފައިވާ ކުޅިވަރަކަށް ހެއްދެވުން ކަމަށް ވިދާޅުވި އެވެ.

ބިލިއާޑް މުބާރާތުގެ އޯގަނައިޒިން ކޮމެޓީއަށާއި ޑިސިޕްލިނަރީ ކޮމެޓީއަށާއި ރެފްރީކަންކޮށްދެއްވާފައިވާ ފަރާތްތަކަށާއި މުބާރާތް ހިންގުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދިވެހި ސިފައިންގެ ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

ސިފައިންގެ ތެރެއަށް ބިލިއާޑް ތައާރަފުކޮށް ކުރިއެރުވުމަށް ޓަކައި ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ހަނދާނީ ފިލައެއް އެރުވުނެވެ. މިފިލާ ހަވާލުކޮށްދެއްވީ ދިވެހި ސިފައިންގެ ކްލަބުގެ ނައިބު ރައީސް ކާނަލް އިބްރާހީމް ރަޝީދެވެ.

އެމްއެންޑީއެފް އިންޓާ ޔުނިޓް އެއްވަނަ ބިލިއާޑް މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ ގިނަ ރަން އައުޓް ހަދައި ޗެމްޕިއަން ހޯދީ ކޯޕްރަލް އިބްރާހީމް ރަޝީދެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ފަސްޓް ލެފްޓިނަންޓް މުޙައްމަދު ފަރީމެވެ. މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްގެ ތިންވަނަ ހޯދީ ކޯޕްރަލް ފަތުޙުﷲ ޖަމީލެވެ. މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަން ޓީމަކަށް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް ހޯދާފައިވާ އިރު، ރަނަރަޕް ޓީމަކީ ޓްރާންސްޕޯޓް ސާވިސް އެވެ. ތިން ވަނަ ޓީމަކީ ބޭންޑް އެންޑް މިއުޒިކް ވިންގެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައި ވަނީ ވޮރަންޓް އޮފިސާ އިބްރާހީމް ޒިޔާއު އާއި ސަޖަންޓް ޝާމިން ހަފީޒް އާއި ސާޖަންޓް ސޮފްވާން ޝާކިރު އާއި ކޯޕްރަލް ފަތުޙުﷲ ޖަމީލް އާއި ކޯޕްރަލް މުހައްމަދު އަލީ އަދި ކޯޕްރަލް އިބްރާހީމް އަފްޒަލެވެ.

މިމުބާރާތުގެ ޓީމް އިވެންޓްގައި ސިފައިންގެ 16 ޔުނިޓަކުން 128 ކުޅުންތެރިންނާއި އިންޑިވިޖުއަލް 79 ކުޅުންތެރިއަކު ވާދަކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު