އިންޑިއާ ޕާލަމެންޓް މެމްބަރަކު ރޯދައަށް ހުރި މުސްލިމަކަށް ގަދަކަމުން ކާންދޭން އުޅުނު މައްސަލައެއް ހޫނުވެއްޖެ

އިންޑިއާގެ ހިންދޫއިންގެ ހަރުކަށި ޕާޓީއެއް ކަމަށްވާ ޝިވްސޭނާއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރަކު ރޯދައަށް ހުރި މުސްލިމެއްގެ އަނގަޔަށް ގަދަކަމުން ޗަޕާތީ ލައްވާ މަންޒަރު ފެންނަން ވީޑިއޯ އެއް އާއްމުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަމޯދީގެ ބާރަތިޔާ ޖަނަތާޕާޓީގެ މުހިއްމު ބައިވެރިއެއްކަމަށްވާ ޝިވްސޭނާގެ މެމްބަރު ރާޖަން ބާބޫރާއޯ ވިޝާރް ހިންގެވި އެއަމަލު ފެންނަ ވީޑިއޯ އިންޑިއާގެ ޒީޓީވީން އިއްޔެ ވަނީ އާއްމުކޮށްފައެވެ. އެކަމާ ގުޅިގެން އިންޑިއާ ޕާލަމެންޓް އިއްޔެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.



އިންޑިއާގެ އިދިކޮ ކޮންގްރެސްޕާޓީގެ މެމްބަރުން އިއްޔެ ވަނީ ވިޝާރާ ދެކޮޅަށް ޕާލަމެންޓްގައި އަޑު އުފުއްލަވާފައެވެ.

"... އެއީ ހަމަ ގައިމުވެސް ވަރަށް ނުބައި ކަމެއް. އެކަން އެންމެ ހަރުކަށިކޮށް ކުށްވެރިކުރަން ޖެހޭނެ،" ކޮންގްރެސް ޕާޓީގެ ތަރުޖަމާނު މަނީޝް ތިވާރީ ވިދާޅުވި ކަމަށް އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ބުންޏެވެ.

ނިއުދިއްލީގައި ހުންނަ މަހާޝްޓްރާ ސަޑާން ނަމަކަށް ކިޔާ ގެސްޓްހައުސްއެއްގެ ކޭޓަރިން ސްޕަވައިޒަރެއްގެ އަނގައަށް ގަދަކަމުން ޗަޕާތީ ލެއްވި ހާދިސާ، އެކަން ކުރެއްވި ވިޝާރް ވަނީ ދިފާއު ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައި ވަނީ އޭނާ އެކަން ކުރެއްވީ އެ ގެސްޓްހައުސްގެ ކާތަކެތީގެ ފެންވަރު ދަށްވެގެން އެކަން މެނޭޖްމެންޓަށް އެންގުމުގެ ގޮތުން ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އޭނާ ޗަޕާތީ ލެއްވި ސްޓާފަކީ މުސްލިމެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި ހުރިހާ ދީނަކަށް ވެސް އިހުތިރާމް ކުރައްވާ ކަމަށެވެ.

އޭނާ ފަހުން ވަނީ އެކަމާ މައާފަށް އެދިވަޑައިގެން ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެ ބަޔާނުގައި ވަނީ އެއްވެސް މީހެއްގެ ދީނީ އަގީދާއަށް ގެއްލުމެއް ދެވިފައި ވާނަމަ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު