ސ. ފޭދޫ ފުޓްސަލް އެރީނާ ހުޅުވައިފި

"'ޔުނިޓީ ތުރޫ ފުޓްސަލް'" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ފޭދޫގައި ސިފައިން ތައްޔާރުކުރި ފުޓްސަލް ދަނޑު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރޭ ހުޅުއްވައިދެއްވައިފި އެވެ.

"އެސްޓީއޯ ނޫފަހި ސ. ފޭދޫ ފުޓްސަލް އެރީނާ"ގެ ނަމުގައި ސ. ފޭދޫގައި ސިފައިން ތައްޔާރުކުރި އެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތު ހޯދައިދީ، ޒުވާނުންނަކީ ދުޅަހެޔޮކަންމަތީ ތިބޭ ޒިންމާދާރު ބަޔަކަށް ހެދުންކަމަށެވެ. އަދި މި ހުޅުވުނު ފުޓްސަލް ދަނޑަކީ ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށާއި، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމަށްޓަކައި ކުރޭވޭ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށާއި މިފަދަ ފުޓްސަލް ދަނޑުތަކުގެ ސަބަބުން، ޒުވާނުންގެ ހުސްވަގުތު ހަރުދަނާ ގޮތުގައި ބޭނުން ހިފުމަށް ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ އެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި ދަނޑު ރަސްމީކޮށް ހަވާލު ކޮށްދެއްވާފައި ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު މުހައްމަދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެދަނޑު، އެ މިނިސްޓްރީއާއި ހަވާލުކުރިކަމުގެ ލިޔުމާއި ހަވާލުވެވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު ނާއިފު ޝައުކަތެވެ.

ޔޫތު މިނިސްޓްރީއާ ދަނޑު ރަސްމީކޮށް ހަވާލު ކުރުމުން އެ ދަނޑާބެހޭ ހުރިހާ ކަމެއް ބަލަހައްޓާނީ އެ މިނިސްޓްރީންނެވެ.

ފޭދޫ ފުޓްސަލް އެރީނާ ހަދާފައިވަނީ، ޑިފެންސް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި އެސްޓީއޯ އަދި އެފްއޭއެމް ގުޅިގެންނެވެ.

މިއީ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށް ދިނުމަށްޓަކައި ''ޔުނިޓީ ތުރޫ ފުޓްސަލް'' ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހެދި ހަވަނަ ފުޓްސަލް ދަނޑެވެ. މި ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ދިވެހި ސިފައިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު