އައިޖީއެމްއެޗްގައި "އޮޕަރޭޝަން"ތަކަށް ގިނަ ކިޔުތަކެއް!

މަރުކަޒީ ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އޮޕަރޭޝަންތައް ކުރުމަށް ދިގު ކިޔުތަކެއް އޮންނަކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ބައެއް ބަލި މީހުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް "ސަން"އަށް މައުލޫމާތު ހިއްސާ ކޮށްފައެވެ.

ސަންއަށް މައުލޫމާތު ދެމުން ބ. ދަރަވަންދޫ، އޭލިއާގޭ ސަހުދުﷲ މުއާޒް ބުނީ، މިދިޔަ ހޮނިހިރު ދުވަހު އޭނާގެ އުކުޅުވަޅު ކަށިގަނޑެއް ބިންދައިގެން ދިއުމުން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދިއުމުން މިދިޔަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ކަމަށެވެ. އަދި ޑޮކްޓަރުން އޭނާ އޮޕަރޭޝަން ކުރަންޖެހޭނެ ކަމަށް ވިދާޅުވެފައި ވީ ނަމަވެސް އެ އޮޕަރޭޝަންގެ ކިޔޫތައް ގިނަކަމުން އޭނާގެ އޮޕަރޭޝަން ކުރެވޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

"މިހާރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ މިވީ ފަސް ދުވަސް، އަދިވެސް ނޭނގެ އޮޕަރޭޝަން ކުރެވޭނެ ދުވަހެއް ބުނަންވެސް،" ސަހުދުﷲ ބުންޏެވެ.

ސަންއަށް އެނގިފައި ވާ ގޮތުގައި އައިޖީއެމްއެޗުގައި އޮޕަރޭޝަންތައް ކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.

އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި ޑރ. މުހައްމަދު ހަބީބު، ސަންއަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި އޮަޕަރޭޝަންތައް ކުރަން ކިޔޫގައި މަޑުކުރަން ޖެހުމަކީ ހިނގާކަމެއް ކަމަށެވެ.

"ބައެއް އޮޕަރޭޝަންތަކަށް ތިން ދުވަހު ނުވަތަ ދެ ދުވަހު ކިޔޫގައި މަޑުކުރަންޖެހޭ،" ޑރ. ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް ކަންތައް ދިމާވުމުގެ ސަބަބަކީ ގިނަ އަދަދެއްގެ ބަޔަކަށް އައިޖީއެމްއެޗުން އެކަނި ހިދުމަތް ދޭން ޖެހޭއިރު އެކަމަށް އެކަށީގެންވާ ވަރަށް އެ ހޮސްޕިޓަލްގައި ޑޮކްޓަރުން ނެތުން ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑިޕާޓްމަންޓުގައި ޖާގައިގެ ދަތިތައް ހުރުމުގެ ސަބަބުން ވެސް އޮޕަރޭޝަންތައް ލަސްވެގެން ދާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ، އޮޕަރޭޝަންތައް ކުރުމަށް ކިޔު ހަދަން ޖެހުނު ނަމަވެސް އިމަޖެންސީ އޮަޕަރޭޝަނެއް ނަމަ އެ ހޮސްޕިޓަލުން ވަގުތުން އެކަން ކުރާނެ ކަމަށެވެ.

އައިޖީއެމްއެޗަށް ދިމާވެފައި ވާ އެކިއެކި ގޮންޖެހުންތައް ސަރުކާރާ މަޝްވަރާކޮށްގެން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު