ރަޝިޔާ ހެކަރު ހައްޔަރު ކުރި މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވާން އަންގައިފި

އެމެރިކާ އިން ހޯދަމުންދިޔަ ރަޝިއާގެ ހެކަރެއް ކަމަށް ބުނާ މީހާ ރާއްޖެއިން ހައްޔަރުކޮށް، ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް ނަމަކަށް ކިޔާ އެމެރިކާގެ އަސްކަރީ ބޭހަކަށް ފޮނުވާލި މައްސަލާގައި ހޯމް މިނިސްޓްރީ އާއި ފުލުހުން މަޖިލީހަށް ޖަވާބުދާރީވާން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން އަންގައިފި އެވެ.

މަޖިލީހަށް ޖަވާބުދާރީވުމަށް އެ ދެ މުއައްސަސާއަށް ވެސް އަންގާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ގައުމީ ސަލާމަތު ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ.

މިއަދު ބޭއްވި ގައުމީ ސަލަމާތު ކޮމެޓީގައި އެ ކޮމެޓީގެ މުގައްރިރު އިބްރާހީމް ރިޒާ ވިދާޅުވީ ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ރޯމަން ވެލެރެވިކް ސެލެޒްނޯވް ހައްޔަރުކޮށް، ރާއްޖެއިން ފޮނުވާލި މައްސަލާގައި މަޖިލީހަށް ޖަވާބުދާރީވުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ސިޓީއަށް އެ ދެ މުއައްސަސާއިން ވެސް ޖަވާބުދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެލެޒްނޯވް ހައްޔަރުކޮށްފައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށް އެމެރިކާގެ ސީކްރެޓް ސާވިސް އިން ވަނީ ޕްރައިވެޓް ޖެޓަކަށް އަރުވައިގެން ޕެސިފިކް ކަނޑުގައި އޮންނަ ގުއާމް ނަމަކަށް ކިޔާ ރަށަކަށް ގެންގޮސްފަ އެވެ. ރާއްޖެއިން ހައްޔަރުކޮށްގެން އެމެރިކާއިން ގެންދިޔަ މީހާއަކީ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ދަރިއެކެވެ.

ހޯމް މިނިސްޓްރީން އެ މައްސަލާގައި ބުނެފައި ވަނީ ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ރާއްޖެއިން ފޮނުވާލީ ބައިނަލް އަގުވާމީ ފުލުހުންގެ މައި އިދާރާ އިންޓަޕޯލުން ނެރެފައިވާ ރެޑް ނޯޓިސްއަކަށް އަމަލު ކުރުމުގެ ގޮތުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު