އައްޑޫ ސިޓީއަށް އާ ހަތަރު ޖަނަރޭޓަރު މިއަހަރު ތެރޭ ގެންނާނެ: ނިމާލު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އާ ޖަނެރޭޓަރުތަކެއް އެ ސިޓީއަށް ގެންދަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނިމާލް ވިދާޅުވީ، އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުންދާ 750 ކިލޯވޮޓުގެ ޔަންމާ އިންޖީނެއްގެ ޓާބޯ ހަލާކުވެފައިވާ ކަމަށާއި އައު ޓާބޯއެއް ގަތުމަށް 4.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެހެންކަމުން ޓާބޯއެއް ގަތުމަކީ ބޮޑު ޚަރަދެއް ހިނާގެ ކަމެއް ކަމުގައި ވާތީ އޭގެ ބަދަލުގައި އައު ޖަނެރޭޓަރެއް ގަތުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 4.8 މިލިއަން ރުފިޔާ ޚަރަދުވޭ އާ ޓާބޯއެއް ގެންނަން. ދެން 45 ދުވަހުގެ މުއްދަތެއް ނަގާ އެ ޑެލިވާ ކުރަން. އެހެންވީމަ އަޅުގަނޑުމެންނަށް ވިސްނުނީ، ޓާބޯއެއް ބަދަލުކުރަން އެހާ ދުވަސްވީ އިންޖީނަކަށް 4.8 މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވުރެ ރަނގަޅޭ އައު އިންޖީނެއް އެތަނަށް ގެނައުން،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫސިޓީއަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ އެއް މެގަ ވޮޓްގެ ދެ ޖަނެރޭޓަރާއި ދެ މެގަވޮޓްގެ ދެ ޖަނެރޭޓަރު މިއަހަރު ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށެވެ.

އެ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް މެގަވޮޓްގެ ދެ ޖަނެރޭޓަރު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އިންސްޓޯލްކުރެވޭނެ ކަމަށާއި އެއިރުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް ނިމާލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ މެގަވޮޓުގެ ދެ ޖަނެރޭޓަރު އިންސްޓޯލް ކުރެވޭނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ އޭއެފްސީ ޗެލެންޖްކަޕާ ދިމާކޮށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް 850 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް ގެންދިޔަ ކަމަށެވެ. ނަމަވެސް އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ޕެނަލްތަކެއް ހޯދަން ޖެހޭތީ އެކަމުގައި ލަސްތަކެއް ކުރިމަތިވި ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު