ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަނަށް ފޯނު އެލަވަންސް ދޭން އެދިއްޖެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރަށް ފޯން އެލަވަންސް ހަމަޖައްސައިދިނުމަށް މާލިއްޔަތު ކޮމެޓީގައި އެދިއްޖެ އެވެ.

ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސޭޝަނަށް ފޯން އެލަވަންސް ހަމަޖައްސައިދިނުމަށް އެދުނީ މީރާއިން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ދައުލަތުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް 1000 ރުފިޔާގެ އެލަވަންސް ހަމަޖައްސަވާފައިވާ ގޮތަށް އެބޭފުޅުންނަށް ވެސް އެލަވަންސް ހަމަޖައްސައިދިނުމަށެވެ.

މާލިއްޔަތު ކޮމެޓީން 2012 ވަނަ އަހަރު ފާސްކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފޯން އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ލިބިވަޑައިގަންނަވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ސްޕީރިޓީ ކޯޓުތަކުގެ ގާޒީންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށެވެ. ކޮމެޓީން ފާސްކުރި އެ ރިޕޯޓުގައިވާ މިނިވަން މުއައްސާތަކުގެ ލިސްޓުގައި މީރާއެއް ނުހިމެނެ އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމެޓީގެ މުގައްރިރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މީރާއަކީ އެންމެ ނަތީޖާ ނެރޭ ދައުލަތުގެ އިދާރާ ކަމަށާއި އެ މުއައްސަސާތަކުގެ ވެރިން ފިޔަވައި، ފޯން އެލަވަންސް ހައްގުވާ އިތުރު ބަޔަކު ނެތް ކަމަށެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ ދައުލަތުގެ ވެރިންނަށް ފޯން އެލަވަންސް ދިނުމުގެ މައްސަލަ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓިއަށް ހުށަހަޅައި އިތުރަށް ދިރާސާ ކުރުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު