ބޯހިމެނުމުގެ މަސައްކަތުގައި މާލެގައި ހަރަކާތެރިވުމަށް 1500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި މާލެގައި ހަރަކާތެރިވުމަށް 1500 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މާލެގައި ބޯހިމެނުމުގައި ހަރަކާތެރިވުމަށް 1500 މީހުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ބޭނުންވާ އަދަދަށްވުރެ ވެސް ގިނަ މީހުން ކުރިމަތިލައްވާފައިވާތީ ކުރިމަތި ލުމުގެ ފުރުސަތު އިތުރަށް ދެން ނޯންނާނެ ކަމަށެވެ.

"ބޭނުންވާ އަދަދަށް ވުރެ އިތުރަށް މިހާރު މީހުން ކުރިމަތިލަފައިވުމާއެކު މިއަދުން ފެށިގެން މިކަމަށް އެދި ހުށަހަޅާ އިތުރު ފަރާތްތަކަށް ފުރުސަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

ބޯހިމެނުމުގައި ހަރަކާތެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މީގެކުރިން ހުޅުވާލީ މުއްދަތެއް ނެތް ގޮތަށެވެ.

ބޯހިމެނުމުގެ މަސައްކަތުގައި މާލޭގައި ހަރަކާތްތެރިވާނެ މީހުން ހޮވާފައިވާއިރު، އެ މަސައްކަތުގައި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމުގައި އަމަލުކުރާނެ އުސޫލެއް މިހާތަނަށް އެ ޑީޕާޓްމަންޓުން ހާމަކޮށްފައެއް ނުވެއެވެ.

އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ މުވައްޒަފުން "ވީއްލާ" ދިނުމަށް އެ ޑިޕާޓްމަންޓުން ވަނީ އޮފީސްތަކުގައި އެދިފަ އެވެ. އަދި ޗުއްޓީ ނަންގަވައިގެން އަމިއްލަ ގޮތުން އެ ކަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ އޮފީސްތަކުގައި އެދިފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 20 އިން 27 ވަނަ ދުވަހުގެ ނިޔަކަށް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ބޯހިމެނުމުގެ ހަރަކާތްތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެތެރޭގައި ވެސް ވަނީ ހުޅުވާލާފަ އެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާ މީހުންނަށް ޚާއްސަ އެލަވަންސްއެއް ދިނުމަށް ނިންމާފައިވާ އިރު އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ތަމްރީނެއް ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު