ޖަނެރޭޓަރުތަކުގައި މައްސަލަޖެހި، ގެމަނަފުށިން ކަރަންޓު ކެނޑިއްޖެ

ގއ. ގެމަނަފުށީގައި ބޭނުންކުރަމުން އަންނަ ޖަނަރޭޓަރު ތަކުގައި މައްސަލަ ޖެހި މިއަދު ހެނދުނުން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް ގެމަނަފުށީ ކައުންސިލުން ބުނެފި އެވެ.

ގެމަނަފުށީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ޝިޔާމް ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 8:00 އިން ފެށިގެން އެރަށުން ކަރަންޓު ކެނޑިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާ ހުރެ ރައްޔިތުން ނުރުހުން ފާޅުކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ކަރަންޓު ދިނުމަށްޓަކައި 80 ކިލޯ ވޯޓްގެ ޖަނަރޭޓަރަކާއި 144 ކިލޯ ވޯޓްގެ އިތުރުން 180 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ބަހައްޓާފައިވާ ކަމަށެވެ. އެ ތިން އިންޖީނުގެ ތެރެއިން 80 ކިލޯ ވޯޓުގެ ޖަނަރޭޓަރު މިހާރު ވަނީ އޯވާހޯލް ކުރަން ޖެހިފައި ކަމަށާއި ބާކީހުރި ދެ ޖަނަރޭޓަރުގެ ތެރެއިން 144 ކިލޯ ވޯޓްގެ ޖަނަރޭޓަރުގެ ސްޓާޓިން މޯޓަރު މިހާރު ހަލާކުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާކީ ހުރި 180 ކިލޯ ވޯޓުގެ ޖަނަރޭޓަރު މިހާރު ބޭނުންކުރަމުން އަންނަ އިރު އޭގެ ބައެއް ހަލާކުވެފައިވާ ކަމަށެވެ.

އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ތަކެތި މިއަދު 3:00 ހާއިރު ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރޯދަމަސް ނިމުމަކާ ކައިރިވެފައިވާ އިރު ރޯދަމަހުގެ ދުވަސް ތަކުގައި އެރަށުން ކަރަންޓް ކެނޑުމަކީ "އާންމު ކަމެއް" ކަމަށެވެ.

އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު