ހަނިމާދޫގައި ކަސްޓަމްސްގެ އިމާރާތެއް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށްފި

ހދ. ހަނިމާދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަސްޓަމްސްގެ އިމާރާތް އެޅުމަށް ކުންފުންޏަކާ ހަވާލުކޮށް، އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު މެންދުރު ކަސްޓަމްސް ބިލްޑިންގްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫގައި އިމާރާތްކުރާ ކަސްޓަމްސްގެ އިމާރާތް އެޅުމަށް ހަވާލުކޮށްފައި ވަނީ މާލާ ހައި ރައިސިންގް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ.

ހަނިމާދޫގައި އިމާރާތްކުރާ ކަސްޓަމްސްގެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދާއި، ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަލީ އާއި، ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ފަޔާޒާއި، މާލާ ހައި ރައިސިންގެގެ މެނޭޖިންގް ޑިރެކްޓަރު އަލީ އިސްމާއީލާއި، އެ ކުންފުނީގެ މެނޭޖަރު އިބްރާހިމް އަހުމަދުގެ އިތުރުން އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ)ގެ އޮފިސާ އިން-ޗާޖް އަންވަރު އަލީ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހްމަދު މުހައްމަދު ވިދާޅުވީ، ހަނިމާދޫގައި ފާއިތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ހަރަކާތްތެރިވެފައި ވާނީ ކަސްޓަމްސްގެ ވަކި އޮފީހެއް ނެތި ކަމަށެވެ. އަދި މިހާތަނަށް ކަސްޓަމްސްއިން މަސައްކަތް ކުރަމުންދިޔައީ ހަނިމާދޫގެ ޑޮމެސްޓިކް ޓާމިނަލުގައި ހުރި ވަރަށް ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ކަމަށާއި ކުރިން ކަސްޓަމްސް މުވައްޒަފުންގެ އެކޮމޮޑޭޝަންގެ ކަންތައްތައް ވެސް ހަމަޖައްސަން ޖެހެނީ ތަންތަން ކުއްޔަށް ހިފައިގެން ކަމަށެވެ.

ހަނިމާދޫގައި އިމާރާތްކުރާ އެ އިމާރާތް އެޅުމުގެ މަގްސަދަކީ ވިޔަފާރީގެ ވާދަވެރި މާހައުލެއް ގާއިމްކުރުމަށްޓަކައި ސެންޓަރުތަކާއި އެޑްމިނިސްޓްރޭޝަން ބިލްޑިންގްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް ހިދުމަތް ދިނުމާއި، ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ކަސްޓަމްސްއިން ދޭ ހިދުމަތްތައް ފަތުރުވެރިންނާއި ވިޔަފާރިވެރިންނަށް ވީހާވެސް ގާތުން ލުއިފަސޭހަކޮށްދިނުން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

އެ އިމާރާތުގައި ހަނިމާދޫން ކަސްޓަމްސްއަށް ލިބިފައިވާ 10،000 އަކަފޫޓުގެ ހުސް ބިމުގައި އޮފީސް އިމާރާތަކާއި އެކޮމޮޑޭޝަން ބްލޮކްއެއް އެޅުން ހިމެނެ އެވެ.

ބޮޑުމިނުގައި 2998.72 އަކަފޫޓު ހުންނަ އެ އިމާރާތުގައި އޮފީސް ބްލޮކުގެ އިތުރުން އެކޮމޮޑޭޝަން ބްލޮކުގައި އެއް ސިޓންގް ރޫމާއި، އެއް ބަދިގެ އަދި ފަސް ކޮޓަރި ހިމެނެ އެވެ. ފަސް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުކޮށްގެން ކަސްޓަމްސްއިން މާލާ ހައި ރައިޒިންގްއާ ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 297 ދުވަހުގެ މުހުލަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު