ކްލެމެންސީ ބޯޑުގައި އިންނަވާ މަޖިލީހުގެ މެމްބަރު ކަމަށް ވައްޑޭ އައްޔަން ކުރަން ފާސްކޮށްފި

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ، ކްލެމެންސީ ބޯޑުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކްލެމެންސީ ބޯޑަށް ވައްޑޭ އައްޔަން ކުރަން ފެންނަ ކަމަށް 48 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. އަދި ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވި އެވެ.

ވައްޑޭގެ ނަންފުޅު ފާސްވުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބޯޑުގެ މެމްބަރު ކަމަށް ހުށަހެޅުއްވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ ނަންފުޅަށް ވޯޓު އައްސަވާފައެއް ނުވެއެވެ.

ކްލެމެންސީ ބޯޑަކީ މައާފްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްނުން އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާ ބޯޑެކެވެ.

މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ބޯޑުގައި ތިއްވަނީ ގާނޫނީ ދާއިރާގެ ބޭފުޅަކާއި ތައުލިމީ ދާއިރާގެ ބޭފުޅަކާއި އިޖުތިމާއީ އަދި ސިއްހީ ދާއިރާގެ ބޭފުޅަކާއި ދީނީ އިލްމުވެރިޔަކާއި މަދަނީ ޖަމްއިއްޔާގެ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅެއްގެ އިތުރުން ފުލުހަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު