އަލީ ހުސެއިނަށް ވޯޓްދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެމްބަރު ކަމަށް ކުރިމަތިލައްވާފައިވާ އަލީ ހުސެއިނަށް ވޯޓު ދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އަލީ ހުސެއިނަށް ވޯޓު ދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ބައްދަލުވުމަށްފަހު ކަމަށެވެ.

ޖޭއެސްސީގައި އިންނަވާ މަޖިލިސް މެމްބަރަކަށް ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ރިޒާގެ ނަންފުޅު ވެސް ވަނީ ހުށަހަޅައިފައެވެ. އެ ޕާޓީން ވެސް ވަނީ ރިޒާއަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ ފަރާތުން އެއްވެސް ނަންފުޅެއް ހުށަހަޅާފައެއް ނުވެއެވެ.

މީހުން ޓެރެފިކް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ޖޭޕީގެ ފަރާތުން ހުށަހަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)ގެ ނަންފުޅަށް ތާއިދު ކުރުމަށް ވެސް އެމްޑީޕީން ނިންމާފައި ވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އެވެ.

އޭގެ އިތުރުން މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ، ކްލެމެންސީ ބޯޑުގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ)އާއި ހަނިމާދޫ ދާއިރާގެ ޖޭޕީ މެމްބަރު ހުސައިން ޝަހުދީ ކުރިމަތިލައްވާފައި ވާ އިރު އެމްޑީޕީން ވަނީ ޝަހުދީއަށް ވޯޓު ދިނުމަށް ނިންމާފައެވެ.

ޖޭޕީގެ ފަރާތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުނަށް ވޯޓު ދިނުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެފައި ވާއިރު ޕީޕީއެމުން ވަނީ އެ ޕާޓީގެ މެމްބަރުނަށް ވޯޓު ދިނުމަށް ވެސް ތްރީ ލައިން ވިޕެއް ނެރުމަށް ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ 43 މެމްބަރުން ތިއްބަވާއިރު އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގައި ފަސް މެމްބަރުން ތިއްބަވަ އެވެ. އިދިކޮޅު އެމްޑީޕީގައި 23 މެމްބަރުން ތިއްބަވާއިރު ޖޭޕީގައި ތިއްބެވީ 15 މެމްބަރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު