ޗެލްސީއާއެކު ހުރިހާ ކާމިޔާބެއް ބޭނުން: ފެބްރިގާސް

ދާދި ފަހުން ބާސެލޯނާއިން ޗެލްސީއާ ގުޅުނު ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް އޭނާގެ އާ ކްލަބާއެކު ހުރިހާ ކާމިޔާބެއް ބޭނުންވާ ކަމަށް ބުނެފި އެވެ.

ތަޖުރިބާކާރު މިޑްފީލްޑަރު ފެބްރިގާސް، ޗެލްސީއާ ގުޅިފައި ވަނީ 38 މިލިއަން ޔޫރޯގެ އަގަކަށެވެ. ޗެލްސީ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ ދިން ފުރަތަމަ އިންޓަވިއުގައި ފެބްރިގާސް ބުނީ، ކުރީގެ ކްލަބު އާސެނަލްގެ ބަދަލުގައި ޗެލްސީއާ ގުޅެން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ޗެލްސީއާއެކު ހުރިހާ ކާމިޔާބެއް ހޯދަން،" ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ފެބްރިގާސް ބުންޏެވެ. "ވޯލްޑް ކަޕުގެ ކުރިން ޗެލްސީއާ ގުޅުން ވެގެންދިޔައީ ވަރަށް މުހިންމު ކަމަކަށް. އަހަރެން ބޭނުންވީ އިތުރު އެއްވެސް ކަމަކާ ނުވިސްނައި އަންނަ ސީޒަނުގައި ނިންމާނެ ގޮތަކާ މެދު ވިސްނަން."

"އަހަރެން ގަބޫލުކުރީ މިއީ އަހަރެންގެ ރަނގަޅު އުމުރު ކަމަށް، އަދި އަހަރެން ބަދަލެއް ބޭނުންވާ ކަމަށް. ކޯޗާ މަޝްވަރާކޮށް، ހުރިހާ ހުށަހެޅުންތަކަށް ބެލުމަށްފަހު ޗެލްސީއަކީ އެންމެ ރަނގަޅު ކްލަބުކަމަށް އަހަރެންނަށް ވިސްނުނީ. ކޯޗު މޮރީނިއޯގެ ކްލަބަކީ ބަލިކުރަން އުނދަގޫ އަދި ދެކޮޅަށް ނުކުމެ، ކުޅެން އުނދަގޫ ކްލަބެއް. އެއީ ޓެކްޓިކަލީ ރަނގަޅު ކުޅުމެއް ދައްކާ، ޑިސިޕްލިން ކުޅުމެއް ދައްކާ މޮޅު ކްލަބެއް. ޓީމުގެ ކުޅުންތެރިންގެ ފަރާތުން މޮރީނިއޯ ބޭނުންވަނީ އެންމެ ރަނގަޅު ކުޅުން."

ފެބްރިގާސްގެ އިންޓަވިއުގައި އޭނާ ވަނީ އަލަށް ޗެލްސީއަށް ސޮއިކުރި ޑިއެގޯ ކޮސްޓާގެ އިތުރުން ފެނާންޑޯ ޓޮރޭސްއަށް ވެސް ތައުރީފްކޮށްފައެވެ. އެތުލެޓިކޯ މެޑްރިޑުން ޑިއެގޯ ކޮސްޓާ، ޗެލްސީއަށް ސޮއިކުރީ 41 މިލިއަން ޔޫރޯގެ އަގަކަށެވެ.

"އަހަރެން ޓޮރޭސްއާއެކު ކުޅެން ފެށީ އަހަރެންގެ އުމުރުން 18 އަހަރުން ފެށިގެން. އޭރުން ފެށިގެން އޭނާއާއެކު ގައުމީ ޓީމަށް ކުޅޭތާ މިހާރު ނުވަ އަހަރު ވެއްޖެ،" ފެބްރިގާސް ބުންޏެވެ. "އަހަރެމެން ވާނީ އެކުގައި ދެ ޔޫރޯ މުބާރާތާއި ވޯލްޑް ކަޕެއް ކާމިޔާބުކޮށްފައި. އޭނާ އަކީ ޑިފެންޑަރުންނާއެކު ބޯޅަ ހިފައިގެން ދުވާ، ވަރުގަދަ ކުޅުންތެރިއެއް. އޭނާއާއެކު ރަނގަޅު ޕާޓްނާޝިޕް ދައުރެއް އަދާކުރެވޭނެކަން ޔަގީން،"

"ފަހަކަށް އައިސް ކޮސްޓާގެ ކުޅުން ދަނީ ވަރަށް ރަނގަޅު ކުރަމުން. އޭނާއަކީ ކޮންމެ މެޗެއްގައި ހެން އިދިކޮޅު ޓީމަށް ނުރައްކާ ކުރާ ކުޅުންތެރިއެއް. މިދިޔަ ސީޒަނަށް ބަލައިލިޔަސް، ތިން މެޗު ކުޅުނުއިރު، އޭނާ ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައި. އޭނާއަކީ ޑިފެންޑަރުންނަށް ދަތިތަކެއް ކުރިމަތި ކުރުވާ، އަހަރެން ކަހަލަ ކުޅުންތެރިންނަށް އިތުރު ފުރުސަތެއް ނުދޭ ކުޅުންތެރިއެއް. މި ޓީމުގައި އޭނާ ވަރަށް މޮޅު ކުޅުމެއް ދައްކާނެ." ފެބްރިގާސް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު