ހުއްޓައިލިތާ ދެގަޑިއިރު ވެސް ނުވަނީސް އެއާޕޯޓު މުވައްޒަފުން އަނެއްކާވެސް މުޒާހަރާ ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގް ޑައިރެކްޓާ ބަންދު އިބްރާހިމް ސަލީމް މުވައްޒަފުންނާ ބައްދަލުކުރައްވައި، ބޯނަސް ހަމަހަމަކޮށް ދެއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ހެނދުނު 11 ޖަހާ އެހާކަށްހާއިރު މުޒާހަރާ ހުއްޓައިލުމަށް ފަހު ދާދި ދެންމެ އަނެއްކާވެސް މުޒާހަރާ ފަށައިފި އެވެ.

އެއާޕޯޓުގައި މިވަގުތު ހުރި ސަންގެ ޖާނަލިސްޓް އަހުމަދު ސާއިލް ވިދާޅުވީ މުޒާހަރާ އަލުން ފެށީ މެނެޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް ހެނދުނު ބައްދަލުކުރެއްވި ނަމަވެސް ވިދާޅުވި ގޮތަށް ކަންތައް ނުދިއުުން ކަމަށެވެ.
މިއަދު އެއާޕޯޓުގައި ކުރާ މުޒާހަރާ އާއިގުޅިގެން ނެރުނު އިއުލާން ނޯޓިސް ބޯޑުގައި -- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"އެެމްޑީ ވިދާޅުވި ހަމަހަކޮށް އެކަން ހަމަޖައްސާފަ މިއަދު އަންގާނެ ވާހަކަ. އެކަމަކު މިއަދު ކުއްލި އަކަށް ނޯޓިސްއެއް މި ނެރުނީ އެކަމާ މެދު މަޝްވަރާ ކުރާ ވާހަކަ އަދި މި މަހުގެ 31 ގެ ކުރީން ގޮތެއް ނިންމާނެ ކަމަށް،" މުޒާހަރާގައި ހުރި މީހަކު ސަން އަށް ކިޔައިދިނެވެ.

ސަންގެ ޖާނަލިސްޓް ސާއިލް ވިދާޅުވީ، ދެން މުޒާހަރާ ހުއްޓައިލާނީ ބޯނަސްގެ މައްސަލަ ހަމަހަމަ އުސޫލަކުން ބަހަން ނިންމައި އެކަން އެންގުމުން ކަމަށް މުޒާހަރާގެ ބައިވެރީން ބުނާ ކަމަށެވެ.

ސަން އަށް ބައެއް ފަރާތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ބޯނަސް ލިބުމުގައި ވަރަށް ބޮޑެތި ތަފާތުތައް އެބަހުއްޓެވެ. އެ ގޮތުން ބައެއް މުވައްޒަފުންނަށް 5000 ރުފިޔާ ލިބޭ އިރު މިލިއަނަކާ ގާތަށް ބޯނަސް ލިބޭ މުވައްޒަފުން ވެސް އެބަ ތިބި ކަމަށް ބޯނަސް ބެހުމާ ގުޅޭ ގޮތުން ސަން އަށް ލިބިފައިވާ މައުލޫމާތު ޝީޓަކުން ދައްކަ އެވެ.

އެހެން ނަމަވެސް އެމްއޭސީއެލްގެ ވެރީން ފޯނު ނުނަންގަވާތީ، އެ މައުލޫމާތު ޝީޓަކީ ނުވަތަ މި އަދަދު ތަކަކީ ކިހާ ވަރެއްގެ ތެދު އެއްޗެއްކަން އަދި ވަނީ ޔަގީން ނުކުރެވިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު