ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް އަހްމަދު ރަޝީދާއި އަބުޅޯގެ ނަންފުޅު ހުށަހަޅައިފި

މީހުން ޓެރެފިކް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަގާމަށް ދެ ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން އެ މަގާމަށް ހުށަހަޅުއްވާފައި ވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ނަންފުޅެވެ. އެ ނަންފުޅު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އެ މަގާމަށް ހުށަހަޅުއްވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)ގެ ނަންފުޅެވެ. އޭނާގެ ނަންފުޅު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދެވެ.

އެމްޑީޕީގެ ފަރާތުން އެ މަގާމަށް އެއްވެސް ބޭފުޅެއްގެ ނަންފުޅު ހުށަހަޅާފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މިއަދު ވޯޓަށް އަހާ ގަޑީގައި އެ މައްސަލައިގައި ވޯޓަށް އެހުން އޮންނާނެ ކަމަށެވެ.

ޓްރެފިކްކުރުމާ ގުޅޭ ކޮމެޓީ އަކީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ހިންގަންޖެހޭ ކަންކަން އެގޮތުގައި ހިނގަމުން ދޭތޯ ބެލުމަށާއި އެ ގާނޫނުގެ ދަށުން ދައުލަތުގެ އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް އެ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން އަޅަމުން ދޭތޯ ބެލުމަށްޓަކައި އެކުލަވައިލާ ކޮމެޓީ އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރަކާއި ހިއުމަންރައިޓްސް ކޮމިޝަނުން ކަނޑައަޅާ އެ ކޮމިޝަންގެ މެމްބަރަކާއި މިނިސްޓްރީއަކުން ކަނޑައަޅާ މެމްބަރަކާއި އެޓާނީ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލަކާއި ޕްރޮސިކިއުޓާ ޖެނެރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލަކާއި ކޮންޓްރޯލަރު ކަނޑައަޅާ އިމިގްރޭޝަންގެ މުވައްޒަފަކާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަނޑައަޅާ އެ ސާވިސްގެ އޮފިސަރަކާއި ލޭބާ ރިލޭޝަން އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފަކާއި ހޯމް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފަކާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާ އަކުން ކަނޑައަޅާ އެ ޖަމްއިއްޔާގެ މެމްބަރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު