ޖޭއެސްސީއަށް އަލީ ހުސެއިން އާއި ރިޒާގެ ނަންފުޅު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އަލީ ހުސެއިން އާއި އިބްރާހިމް ރިޒާގެ ނަންފުޅު ހުށަހަޅައިފި އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައި ވަނީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސެއިންގެ ނަންފުޅު ހުށަހަޅާފައި ވަނީ ޖުމްހޫރީގެ ފަރާތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރަކު ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީގެ ފަރާތުން އެއްވެސް ނަންފުޅެއް ހުށަހަޅާފައެއް ނުވެއެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިޔުޓީ ލީޑަރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު "ސަން"އަށް ވިދާޅުވީ ޖޭއެސްސީގައި އިންނަވާ މަޖިލިސް މެމްބަރުކަމަށް އެ ޕާޓީން ކުރިމަތި ނުލާން ނިންމާވައި ވާ ކަމަށެވެ. އަދި މިހާރު ހުށަހަޅުއްވާފައިވާ ދެ ނަންފުޅުގެ ތެރެއިން އެ ޕާޓީން ތާއީދު ކުރާނެ ނަންފުޅެއް ކަނޑައަޅާނީ މިއަދު މެންދު 12:00ގައި ބާއްވާ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖޭއެސްސީ ގައި އިންނަވާ މެމްބަރަކު ކަނޑައެޅުން އޮންނާނީ މިއަދު 1:30 ގައި ނަގާ ވޯޓުގައެވެ.

comment ކޮމެންޓް