ޖޭއެސްސީއަށް އަލީ ހުސެއިން ވާދަކުރައްވަނީ

ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އަށް މަޖިލީހުން ހޮއްވަވާ މެމްބަރު ކަމުގެ ގޮނޑިއަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވާދަ ކުރައްވަން ނިންމައިވައިފި އެވެ.

ރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ބޭއްވި ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުގައި ވަނީ ޖޭއެސްސީއަށް އެ ޕާޓީން މެމްބަރަކު ވާއްދަކުރެއްވުމެގެ އިތުރުން މީހުން ޓްރެފިކް ކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމެޓީއަށާއި މާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އިންނަވާ މެމްބަރު ކަމަށް އެ ޕާޓީގެ މެމްބަރުން ވާދަކުރުމަށް ނިންމާފަ އެވެ.

ޓްރެފިކް ކުރުމާއި ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމެޓީގައި ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނަވާ މެމްބަރު ކަމަށް ވާދަކުރައްވަން ނިންމަވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު އެވެ. އަދި މާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީ ބޯޑުގައި ރައްޔިތުން މަޖިލީހުގެ ފަރާތުން އިންނަވާނެ މެމްބަރު ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު، ހުސެއިން ޝަހުދީ ވާދަކުރައްވަން ވެސް ވަނީ ފާސްކޮށްފަ އެވެ.

ރޭ ޖޭޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އަލީ ހުސެއިން ވިދާޅުވީ، ޖޭއެސްސީގައި ރައްޔިތުން މަޖިލީހުގެ ފަރާތުން އިންވާ މެމްބަރު ކަމަށް ވާދަކުރަން ނިންމީ އެހެން ޕާޓީއަކުން އެ ގޮނޑިއަށް ވާދަކުރޭތޯ ބެލުމަށްފަހުގައި ނޫން ކަމަށެވެ. އަދި އޭނާ އެ މަގާމަށް އިންތިހާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.

" އަޅުގަނޑުމެނަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ސިޔާސީ ޕާޓީތަކުން، ހާއްސަކޮން ޕީޕީއެމް އިންވެސް ވަރަށް ގިނަ ވޯޓްތަކެއް ލިބިގެން އަޅުގަނޑުމެން ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅުއްވާފައިވާ ބޭފުޅުން ހޮވޭނެކަނެ. " އަލީ ހުސެއިން ވިދާޅުވި އެވެ.

އެ ތިން ކޮމެޓީއަށް މަޖިލީހުގެ ފަރާތުން އިންވާނެ މެމްބަރަކު ހޮވުމަށް މިއަދު އޮންނަ މަޖިލިސް ޖަލްސާއަށް ވަނީ ތާވާލުކޮށްފަ އެވެ.

މި ބައްދަލުވުގައި ޝަހުދީ ވިދާޅުވީ ޖޭޕީގެ ފާރާތުން ވާދަކުރައްވާ މެމްބަރުންނަށް ވޯޓު ދިނުމަށް ތްރީ ލައިން ވިޕް ނެރިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު