ޖޭއެސްސީ އިންތިހާބު އިއުލާނު ކުރުން އަންނަ މަހު ތިނެއްގެ ފަހުން

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު އޮންނަ ތާރީޚެއް އިއުލާން ކުރެވޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިންތިޚާބު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ފަހުން ބާއްވަން ނިންމީ ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ކަމުގައި ވާތީ ކަމަށެވެ.

ޕީޖީގެ އިންތިޚާބު ކުރިން ބާއްވަން އިއުލާންކުރި ތާރީޚުގައި ނުބޭއްވިފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން، އެ ކޯޓުން ނެރުނު ވަގުތީ އަމުރަކާ ގުޅިގެންނެވެ. ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަ އެ ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި އެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ރަށެއްގައި އިންތިޚާބު ބާއްވަން ނުޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ރަށެއްގައި ފަސް ވަކީލުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާނަމަ، އެފަދަ ރަށެއްގައި އިންތިޚާބު ނުބާއްވާ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި ގެޒެޓުކޮށްފައިވާ އުސޫލުގައި ހިމަނާފައި ވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ ރަށެއްގައި ފަސް ވަކީލުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ ރަށެއްގައި އިންތިޚާބު ބާއްވާނަމަ ގިނަ ރަށްރަށުން ނެގޭ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށެވެ. ވޯޓު ސިއްރުވުމުގެ މުހިންމު ބޭނުމަކީ އެއްވެސް ފަރާތަކަށް ޖެހިލުމެއް ނެތި އެމީހަކު ބޭނުންވާ ބޭފުޅަކަށް ވޯޓު ލުމުގެ ހައްގު ލިބިދިނުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ވޯޓުލުމުގެ ކަންކަން އިންތިޒާމް ކުރުމުގައި ދައުލަތުން އަމަލުކޮށްފައި ވަނީ އިންތިޚާބާ ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން އެ ހުކުމުގައި ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިއުލާންކުރި އިރު ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ދޮރު ބަންދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވޯޓުލުމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ބައެއް ވަކީލުންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު