އިސްރާއީލަށް ދަތުރުކުރުން ހުއްޓާލުމަށް ބޮޑެތި ބައެއް އެއާލައިންތަކުން ނިންމައިފި

ޓެލްއަވީވް (ޖުލައި 23): އިސްރާއީލުގެ އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތަކާ ގުޅިގެން، އިސްރާއީލަށްކުރާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ބޮޑެތި ބައެއް އެއާލައިންތަކުން ނިންމައިފި އެވެ.

އިސްރާއީލަށް ދަތުރުކުރުން ހުއްޓާލުމަށް ނިންމި އެއާލައިންތަކުގެ ތެރޭގައި ގިނައީ އެމެރިކާއާއި ޔޫރަޕްގެ އެއާލައިންތަކެވެ. މިގޮތުން ފެޑްރަލް އެޖެންސީ ފޯ އެއާ އެމެރިކާއާއި ޑެލްޓާ އެއާ އާއި ޔުނައިޓެޑް އެއާލައިންސް ފަދަ ބޮޑެތި އެއާލައިންތަކުން ވަނީ އިސްރާއީލަށް ދަތުރުކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ނިންމައި އެއާލައިންތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ސައުވީސް ގަޑީއިރަށް ހުއްޓާލުމަށްފަހު އެކަން އިތުރަށް ދިގުދެންމުމާމެދު ގޮތެއްނިންމާނެކަން އިއުލާނު ކޮށްފައެވެ.

އިސްރާއީލުގެ އެއާޕޯޓްތަކަށް ވައިގެ ދަތުރުތައް ކުރުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ބައިނަލްއަގްވާމީ ބޮޑެތި ބައެއް އެއާލައިންތަކުން ނިންމާފައި މިވަނީ އިސްރާއީލުގެ އެންމެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވާ ޓެލްއަވީވްގެ ޑޭވިޑް ބެންގޯރިޔަން އެއާޕޯޓުގެ ކައިރިއަށް ފަލަސްތީނު މުޖާހިދުންގެ ރޮކެޓެއް ވެއްޓުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް ޣައްޒާއާ 80 ވަރަކަށް ކިލޯމީޓަރު ދުރުގައިވާ އިސްރާއީލުގެ އެންމެ ބޮޑު އެއާޕޯޓުގެ ކައިރިއަށް ފަލަސްތީނު މުޖާހިދުންގެ ރޮކެޓެއް ވެއްޓުމާ ގުޅިގެން އިސްރާއީލަށް ސިހުން ލިބިފައިވާއިރު ނޯވޭގެ ގައުމީ އެއާލައިންސް އާއި އެއާފްރާންސް އާއި ޖަރުމަނުގެ ގައުމީ އެއާލައިންސް ކަމަށްވާ ލުފްތާންޒާއާއި ނެދަލޭންޑްސްގެ ކޭއެލްއެމް އިން ވެސް ވަނީ އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް މުއްދަތެއްނެތް ގޮތަށް ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ޣައްޒާގެ އާންމުންގެ ގެދޮރަށާއި މިސްކިތްތަކަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް އިއްޔެ ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 70 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައި ވާ އިރު ރައްދުގައި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލުގެ އެކި ރައްތަކަށް ސަތޭކައެއްހާ ރޮކެޓް އިއްޔެ އެކަނި ވެސް ފޮނުވާލާފައި ވާ ކަމަށް އަލްޖަޒީރާ ޚަބަރުދެއެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން އަމިއްލަ ޓެކްނޮލޮޖީގައި ރޮކެޓް އުފައްދަން ފުރަތަމަ ފަށާފައި ވަނީ 2006 ވަނަ އަހަރުގައި ކަމަށްވެފައި ފުރަތަމަ އުފެއްދި ރޮކެޓްގެ ރާސްތާއަކީ އެންމެ ތިން ކިލޯމީޓަރު ކަމަށް ވިޔަސް މިހާރު ހަމާސްއިން 70 ކިލޯމީޓަރުގެ ރާސްތާގެ ރޮކެޓާއި 80 ކިލޯމީޓަރުގެ ރޮކެޓް ކާމިޔާބުކަމާއެކު އުފައްދައި އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ފޮނުވާލުމުގެ ގާބިލްކަންވަނީ ހޯދާފައެވެ.

ހަމާސްއިން ރޮކެޓް ޓެކްނޮލޮޖީ ތަރައްގީ ކޮށްފައި މިވަނީ އިސްރާއީލުން އެއްގަމާއި ވަޔާ އަދި ކަނޑުގެ މަގުން ޣައްޒާއާ ދެކޮޅަށް ހިސާރުގެ ހަރުކަށި އަދި ލާއިންސާނީ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. ހަމާސްގެ ރޮކެޓް ހަމަލާތަކުން އިސްރާއީލަށް މާއްދީގޮތުން މާބޮޑު ގެއްލުމެއް ލިބެމުން ނުދިޔަނަމަވެސް ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމާއި ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލަށް އަމާންކަމުގައި ނޯވެވޭނެ ކަމުގެ މެސެޖް އިސްރާއީލުގެ ހަރުކަށި ވެރިންނަށް ދިނުމުގައި ހަމާސްގެ ރޮކެޓް ހަމަލާތައް ކާމިޔާބުކަމަށް ވަނީ ބެލެވިފައެވެ.

ހަމާސްގެ ރޮކެޓް ހުއްޓުވުމުގެ ނަމުގައި އިސްރާއީލުން ޣައްޒާއަށް ހަމަލާދީ އުދުވާން ހިންގަމުން ގެންދާތާ ދެހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް އެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގައި އިސްރާއީލުގެ ސިފައިން އަދި ވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ބޮޑެތި ބައެއް އެއާލައިންތަކުން ނިންމި ނިންމުމަކީ އިސްރާއީލުގެ އެކަހެރިކަން އިތުރުވެ ނަފްސާނީގޮތުން އިސްރާއީލުގެ ޔަހޫދީންނަށް އަސަރުކުރާނެ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު