ހަޔާތުގެ އައު ފެށުމަކަށް އުންމީދުކޮށްގެން "އުދުހުނު" އާއިލާ މިދުނިޔެއާ އަލްވަދާއު ކިޔަންޖެހިއްޖެ

މިއީ މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު މެލޭޝިއާ އެއާލައިންސްގެ މަތިންދާ ބޯޓު އެމްއެޗް17 ގައި މަރުވި މެލޭޝިޔާގެ ހަ މީހުންގެ މައްޗަށް އެކުލެވޭ އާއިލާގެ ވާހަކަ އެވެ.

އެމްއެޗް17ގައި މަރުވި 298 މީހުންގެ ތެރޭގައި ހިމެނޭ ތަމްބީ އާއިލާގައި ތިބެނީ 49 އަހަރުގެ ތަމްބީ ޖީ އާއި އޭނާގެ 47 އަހަރުގެ އަންހެނުން އަރީޒާ ގަޒާލީގެ އިތުރުން އެދެމީހުންގެ ހަތަރު ކުދިންނެވެ. އެއީ އެންމެ ދޮށީ 19 އަހަރުގެ މުހައްމަދު އަފީފު އާއި 17 އަހަރުގެ މުހައްމަދު އަފްޒަލު އާއި 15 އަހަރުގެ މާޝާ އަޒްމީނާގެ އިތުރުން 13 އަހަރުގެ މުހައްމަދު އަފްރޫޒެވެ.

އެ އާއިލާ ވަނީ 2012 ވަނަ އަހަރު ތަމްބީ ޖީ އަށް ލިބުނު ވަޒީފާގެ ފުރުސަތަކާ އެކު ވަގުތީ ގޮތަކަށް ކަޒަކިސްތާނަށް އެމީހުންގެ ދިރިއުޅުން ބަދަލުކޮށްލާފަ އެވެ. މިފަހަރު އެމީހުން އެމްއެޗް17 ގައި ދަތުރު ކުރީ ހަޔާތުގެ އައު ފެށުމަކާއެކު ދިރުއުޅުން ބައްޓަން ކުރުމަށް އެމީހުންގެ އަމިއްލަ ފަސްގަނޑު ކަމަށްވާ މެލޭޝިއާ އަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށްލުމަށެވެ.

އެއާއިލާގެ އެންމެ އިސް މަގާމުކަމަށްވާ ބައްޕަގެ މަގާމުގައި ހުންނަ ތަމްބީ ޖީ ގެ ކެރިއަރަށް ލިބުނު ކުރިއެރުމަކާ އެކު އޭނާގެ ދޮށީ ދަރިފުޅު މުހައްމަދު އަފީފު ފިޔަވައި އޭނާގެ އަންހެނުންނާއި ތިން ދަރިން ވަނީ ތަމްބީއާ އެކު ދެ އަހަރަށް ކަޒަކިސްތާނަށް ދިރިއުޅުން ބަދަލުކޮށްލާފައެވެ. އެހެން ކަމުން އޭނާއާ އެއްކޮށް ކަޒަކިސްތާނުގައި ދިރިއުޅޭ ތިން ދަރިން ވެސް ވަނީ އެގައުމުގައި އެމީހުންގެ ކިޔެވުން ވެސް ފަށާފައެވެ. ތަމްބީ އޭނާގެ އާއިލާ ދެކެ ވާ ލޯބި އޭނާގެ ފޭސްބުކް ޕްރޮފައިލް އަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެނގިގެންދާނެ އެވެ. އޭނާގެ ފޭސްބުކް ޕޭޖްގެ އެތަން މިތަނުގައި ވަނީ އާއިލާއާ އެއްކޮށް ވަގުތު ހޭދަކުރުމުގައި ނަގާފައި ހުރި ފޮޓޯތަކެވެ.
ތަމްބީ ޖީ އޭނާގެ އާއިލާ ވޯޓާފޯލް އެއްގައި --- ފޮޓޯ : ފޭސްބުކް


މެލޭޝިއާގައި ހުންނަ ޓޭލާސް ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ތަމްބީގެ އެންމެ ދޮށީ ދަރިފުޅު މުހައްމަދު އަފީފު ކަޒަކިސްތާނަށް ގޮސްފައިވަނީ މިއަހަރުގެ ޖޫން މަހު އޭނާގެ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ޓޭލާސް ޔުނިވާސިޓީ އިން ނެޗުރަލް އެންޑް ބިލްޓް އެންވާރަމެންޓްގެ ފައުންޑޭޝަން ކޯހެއް ނިންމާލި މުހައްމަދު އަފީފަކީ، އެޔުނިވާސިޓީގައި އޭނާއާ އެއްކޮށް ކިޔެވި ކުދިން ބުނާ ގޮތުގައި، ލާމަސީލު މަޖާ މިޖާޒެއްގެ ކުއްޖެކެވެ.

އެ އާއިލާގެ ދެވަނަ އަށް އެންމެ ދޮށީ އަފްޒަލަކީ އެނާގެ އާއިލާއާ އެކު ކަޒަކިސްތާނުގައި ދިރިއުޅެމުން އައި ކުއްޖެއް ކަމަށާއި އަނބުރާ މެލޭޝިއާ އަށް އެއްކޮށް ބަދަލުވުމާއި ގުޅިގެން އޭނާ ހުރީ މާޔޫސް ވެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަފްޒަލު އޭނާގެ ފޭސްބުކް ސްޓޭޓަސްއެއްގައި ވެސް ކަޒަކިސްތާނުގައި އޭނާއާ އެއްކޮށް އުޅުނު އެންމެންގެ މަތިން ހަނދާން ވާނެ ކަމަށް ބުނެފައި ވެއެވެ.

"މިތާގައި [ކަޒަކްސްތާނުގައި] ދިރިއުޅުން އަހަރެންނަށް ފަސޭހަކޮށްދިން ހުރިހާ އެންމެނަށް ޝުކުރު އަދާކުރަން އަހަރެން ބޭނުން. އަދި އަހަރެން ހަނދާން އާކުރާނޭ ފަދަ އެތައްކަމެއް އަހަރެންނާއި ހިއްސާކުރީތީ ވެސް ޝުކުރުކުރަން،" އަފްޒަލް އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔެފައިވެއެވެ.

މިއަހަރުގެ މާޗުމަހު މެލޭޝިއަން އެއާލައިންސްގެ މަތިންދާބޯޓު އެމްއެޗް 370 ގެއްލުނު ހާދިސާ ގައި ތަމްބީގެ އެންމެ ހަގު ދަރިފުޅު އަފްރޫޒުގެ ހިތުގައި ވަނީ ލަކުނެއްލާފައެވެ. އޭނާގެ ފޭސްބުކު ކަވާ ފޮޓޯގައި އެފުލައިޓުގެ ކާޓޫނު ކުރެހުމެއްވެއެވެ. އަދި އެ ކުރެހުމުގައި އެމަތިންދާ ބޯޓުގެ ތިރީގައި ކުރަހާފައި ހުރި އަތްތަކެއްގެ މަތީގައި ލިޔެފައިވަނީ "އެންބުރި އާދޭ" އެވެ. ބުޅަލާއި ފުޓުބޯޅަ އަށް ލޯބިކުރާ އަފްރޫޒު އޭނާގެ ފޭސްބުކު ސްޓޭޓަސްގައި ކަޒަކިސްތާނަށާއި އެގައުމުގައި ތިބޭ އޭނާގެ ރައްޓެހިންނަށާއި އޭނާ އެގައުމުގައި ގެންގުޅުނު ބުޅާތަކަށް ވެސް އަލްވަދާއު ކިޔާފައިވެއެވެ.
ތަމްބީގެ އެންމެ ހަގު ދަރިފުޅު އަފްރޫޒު އޭނާގެ ފޭސްބުކު ކަވާ ފޮޓޯއަށް ލާފައި އިން އެމްއެޗް 370 ގެ ކާޓޫނު ކުރެހުމެއް --- ފޮޓޯ : ފޭސްބުކް


"އަލްވަދާއު އަޓީރައު، ކަޒަކިސްތާނު... އަލްވަދާއު ރައްޓެހިން، ތިމީހުން އިނގޭތީ އުފާވޭ... އަލްވަދާއު ބުޅާތައް، އުއްމީދު ކުރަން ހިތްހެޔޮ އެހެން ވެރިއެއް ލިބޭނެކަމަށް، މަރު ނުވައްޗޭ،" އަފްރޫޒު އޭނާގެ ޅަ އިބާރާތްތަކުން އެގައުމަށް އަލްވަދާއު ކިޔެވެ.

ތަމްބީގެ ހަމަ އެކަނި އަންހެން ދަރިފުޅު މާޝާ އަޒްމީނާ އަކީ ކަޒަކްސްތާނުގައި ހުންނަ ކިއުއެސްއައި އިންޓަނޭޝަނަލް ސްކޫލުގައި ކިޔަވަމުން އައި ކުއްޖެކެވެ. އޭނާ އެންމެ ފަހުން ފޭސްބުކުގައި ޕޯސްޓްކޮށްފައި ވަނީ ޣައްޒާގައި ހިނގަމުން އަންނަ އިސްރާއީލުގެ ލާއިންސާނީ ޖަރީމަތަކާ ބޭހޭގޮތުން ލިޔެފައިވާ ލިޔުންކޮޅެކެވެ.

" އަހަރެންނަކީ ނަސީބުވެރިއެއް. ދުނިޔޭގެ އެންމެ ރަނގަޅު ބައްޕަ އަކީ އަހަރެންގެ ބައްޕަ. އަހަރެން ވަރަށް ލޯބިވޭ ބައްޕަދެކެ،" މިއަހަރު އައި ދުނިޔޭގެ ބައްޕައިންގެ ދުވަހު އޭނާގެ ބައްޕައަށް ފޭސްބުކުގައި މާޝާ ލިޔުނު ސްޓޭޓަސްއެއްގައި ވެއެވެ.
ތަމްބީ ޖީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މާޝާ މިއަހަރުގެ ބައްޕައިންގެ ދުވަހާއި ގުޅިގެން ތަމްބީ ޖީ އަށް ލިޔެދީފައިވާ ފޭސްބުކް ސްޓޭޓަސް --- ފޮޓޯ : ފޭސްބުކް


ތަމްބީގެ އަންހެނުން، އެ ހަތަރު ކުދިންގެ މަންމަ އަރީޒާ ވަނީ ބުރާސްފަތި ދުވަހު އެފްލައިޓަށް އެރުމުގެ ކުރިން އެމީހުން ގެންދިޔަ 15 ފޮށީގެ ފޮޓޯއެއް ނަގައި ފޭސްބުކަށްލާފައެވެ. އެ ފޮޓޯގެ ތިރީގައި އޭނަ ލިޔެފައިވަނީ "އައު ހިޖުރައެއްގެ ފެށުމެއް. އަލްހަމްދު ލިﷲ،" މިހެންނެވެ.
ތަމްބީ ޖީގެ އަންހެނުން އަރީޒާ ދަތުރަށް ފުރުމުގެ ކުރިން ފޭސްބުކަށް ލާފައިވާ ފޮޓޯ --- ފޮޓޯ : ފޭސްބުކް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު