ޣައްޒާ ފަންޑު ފޮށި 23 ރަށެއްގައި ބަހައްޓަނީ

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް އަދާލަތު ޕާޓީން އިސްނަގައިގެން ހުޅުވާފައިވާ ފަންޑަށް ފައިސާ އެއްކުރުމުގެ މަސައްކަތް އިތުރު 23 ރަށެއްގައި ފަށަން އެ ޕާޓީން ތައްޔާރުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ އަމީން އާއްމު މުހައްމަދު އިޔާދު ވިދާޅުވީ 23 ރަށުގެ ތެރެއިން 16 ރަށެއްގައި އަންނަ ހުކުރު ދުވަހު މަސައްކަތް ފަށާނެ ކަމަށެވެ.

"...މިހާތަނަށް 23 ރަށަކާ އެއްކޮށް އަޅުގަނޑުމެންނަށް ވާހަކަ ދެކެވި، ފޮށި ފޮނުވުމުގެ މަރުހަލާއަށް ދެވިފައި މި ވަނީ. މިގޮތުން 16 ރަށެއްގައި އިރާދަކުރެއްވިއްޔާ ހުކުރު ދުވަހު ގާޒާ ފަންޑް މޯލްޑިވްސްގެ ހަރަކާތްތައް ފެށިގެން ދާނެ. އިތުރު ދެ ރަށެއްގައި ހޮނިހިރު ދުވަހު ފެށިގެންދާނެ. އަދި އިތުރު ފަސް ރަށެއްގައި ކުރިއަށް އޮތް ހަފުތާގައި އިރާދަކުރެއްވިއްޔާ މި ފަންޑުގެ ހަރަކާތްތައް ފެށިގެންދާނެ،" އިޔާދު ވިދާޅުވި އެވެ.

ފަންޑުގެ ހަރަކާތްތައް ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ ހއ. އުތީމާއި އެ އަތޮޅު ދިއްދު އާއި ހދ. މަކުނުދޫ އާއި އެ އަތޮޅު ވައިކަރަދު އާއި ކުޅުދުށްފުށްޓާއި ށ. މަރޮށްޓާއި ތ. ތިމަރަފުށްޓާއި ލ. ގަމާއި ރ. ކިނޮޅަހާއި ޏ. ފުވައްމުލަކާއި އައްޑޫސިޓީގެ ހިތަދުއާއި މަރަދު އާއި ފޭދު އާއި މަރަދޫ ފޭދު އާއި މީދުއާއި ހުޅުދޫގަ އެވެ.

ހުކުރު ދުވަހު ފަންޑުގެ ހަރަކާތްތައް ފަށައި ރަށްތަކުގެ އިތުރުން އަންނަ ހަފުތާގައި އެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ އދ. އޮމަދޫ އާއި ހދ. ނައިވާދު އާއި އެ އަތޮޅު ނޭކުރެންދޫ އާއި ނެއްލައިދޫ އާއި ފ. ދަރަނބޫދޫ އާއި ކ. ގާފަރުގަ އެވެ.

ގާޒާ ފަންޑަށް މިހާރު މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އަދި އެސްއެމްއެސް ފޮނުވައިގެން އެހީތެރިވާ ގޮތަށް ހަމަޖެއްސުމަށް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ނެޓްވޯކްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުރީދޫ އިން މިހާރު އެ ކަމަށް ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.

"...އެ ކަމަށް އަޅުގަނޑުމެން ޓެލެފޯން ނެޓްވޯކްތަކާ ވާހަކަ ދައްކަމުން މި ދަނީ. ހާއްސަ ގޮތެއްގައި އުރީދޫގެ ފަރާތުން އެ ކަން ކޮށްދެއްވާނެ ކަމަށް ގްރީން ސިގްނަލް ދެއްވާފައި ވަނީ. އެހެން ނަމަވެސް އެ ކަމަށް ކުރަން ޖެހޭ ބައެއް ކަހަލަ އިދާރީ ކަންތައްތައް ހުރުމާއެކު އަދި ފައިނަލް ސްޓޭޖަކަށް ނާދެވި ވަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އުދުވާނުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް 3000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްކޮށްލާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު