އިސްރާއީލް ބޮއިކޮޓް ކުރަން ނިންމުމުން އަލްޖަޒީރާގައި ރާއްޖެއަށް ތައުރީފުކޮށްފި

ޒަޔަނިސްޓް އިސްރާއީލުގައި އުފައްދާ ތަކެތި ދިވެހިރާއްޖެ އެތެރެ ކުރުން މަނާ ކުރުމަށާއި އެ ގައުމާއެކު ދިވެހި ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލުމަށް ނިންމުމުން އަލްޖަޒީރާގައި ރާއްޖެއަށް ތައުރީފުކޮށްފި އެވެ.

ޣައްޒާގައި ހިނގަމުންދާ ގަތުލުއާންމާ ގުޅޭ ގޮތުން އަލްޖަޒީރާގައި ވާހަކަދައްކަމުން މަޝްހޫރު ނޫސްވެރިޔާ އަލީ އަބޫނިމާހު އިއްޔެ ވިދާޅުވެފައި ވަނީ އިސްރާއީލާއެކު "ކުޑަކުޑަ ރާއްޖެ"އިން ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އުވާލީ ބިރެއް ނެތި ކަމަށެވެ.
https://www.youtube.com/watch?v=5lT3Toi06uo
"ކުޑަކުޑަ ރާއްޖެ"އިން އިސްރާއީލަށް ގޮންޖަހައި އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ނިންމިއިރު، އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިތުރުން އަރަބި ގައުމުތަކުން ވެސް އިސްރާއީލާ ދެކޮޅަށް ތެދުވާން ޖެހިލުންވާ ކަމަށް އަލީ އަބޫނިމާހު ވިދާޅުވި އެވެ. އިސްރާއީލާ ދެކޮޅަށް ތެދުވާން ރާއްޖެއިން ނެގި އިސްނެގުމާ އެއްގޮތަށް އިސްރާއީލުގެ އަނިޔާވެރި ޖަރީމާތައް ކުށްވެރި ކުރަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިތުރުން އަރަބި ގައުމުތަކަށް އޭނާ ގޮވާލި އެވެ.

"...ދިވެހިރާއްޖެ އިސްރާއީލު ދެކެ ބިރު ނުގަންނަންޏާ ކީއްވެހޭ އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން [އީޔޫ] އަދި އަރަބި ގައުމުތަކުން އިސްރާއީލާއި އެ ގައުމުން ހިންގާ ގަތުލުއާންމާ ދެކޮޅަށް ގޮންޖަހަން ޖެހިލުންވަނީ،" އަރަބް އެމެރިކަން އެކްޝަން ނެޓްވޯކްގެ ބޯޑު މެމްބަރު އަދި އިލެކްޓްރޯނިކް އިންތިފާދާގެ ފައުންޑާ ވިދާޅުވި އެވެ.

ޖޯޑަންގެ ޑިޕްލޮމެޓެއްގެ ގޮތުގައި އެމެރިކާގެ އެމްބެސެޑަރުކަން ކޮށްފައިވާ އަލީ އަބޫނިމާހް ގިނަ މީހުން ސިފަކުރަނީ އެއް ދައުލަތް އޮންނަ ގޮތަށް ފަލަސްތީނު-އިސްރާއީލު މައްސަލަ ހައްލުކުރުމާ އެއްކޮޅަށް އެންމެ އިސްކޮށް ތާއީދު ކުރާ އެމެރިކާގެ މީހެއްގެ ގޮތުގަ އެވެ.

އަލީ އަބޫނިމާހް އަކީ ފަލަސްތީނުގެ ވާހަކަތައް އެންމެ މިނިވަންކަމާ އެކު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ އިލެކްޓްރޯނިކް އިއްތިފާދާ (އީއައި) ނޫހުގެ ފައުންޑާ ވެސްމެ އެވެ. އަދި އޭނާ ވަނީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުންދާ ގަތުލް އާންމާއި ގުޅޭގޮތުން ސީއެންއެން ފަދަ މަޝްހޫރު ނޫސްތަކުގެ މަޝްވަރާ ޕްރޮގްރާމްތަކުގައި ވާހަކަދައްކާފަ އެވެ.

އިސްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާ ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ ގައުމާއެކު ސަރުކާރުން ހަދާފައިވާ ތިން އެއްބަސްވުމެއް އުވާލާފައިވާ ކަން ސަރުކާރުން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމަށް އިސްރާއީލުގެ އިންވެސްޓަރުން މުހިއްމު ނޫން ކަަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަށް މުހިއްމު ވާނީ އިންސާނީ ހައްުގުތަކަށް ލޯބިކުރާ ގައުމުތައް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު