ޔުނިވާސިޓީއަކަށް ކުއްލިއްޔާ ހެދުމަށް 36 މިލިއަން ޑޮލަރު ހަރަދުވާނެ: ޝަހީމް

މިހާރު ކޮލެޖެއްގެ ގޮތުގައި ކިޔަވައިދެމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ ބައިނަލްއަގްވާމީ ގޮތުން ފުރިހަމަ ޔުނިވާސިޓީއަކަށް ހެދުމަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެކުލަވާލި ކޮމެޓީގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަރަދުވަނީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ކަމަށާއި އެ ބަޖެޓް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް ބައިނަލްއަގްވާމީ ޔުނިވާސިޓީއަކަށް ކުއްލިއްޔާ ބަދަލުކުރުމުގެ މަސައްކަތް ކުރާނީ ތިން ފިޔަވަށްސަކަށް ބަހާލައިގެން ކަމަށާއި އެ ތިން ފިޔަވަށްސަށް ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުއްލިއްޔާގެ ބައިނަލްއަގްވާމީ ޔުނިވާސިޓީއަކަށް ހެދުމަށް ހިންގުމާއި އޮނިގަނޑުތަކަށް ގެންނަންޖެހޭ ބަދަލުގެ ފުރަތަމަ މަރުހަލާގައި ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ހަރަދުވާނެ. ދެ ވަނަ މަރުހަލާގައި 13 މިލިއަން ޑޮލަރު އަދި ތިން ވަނަ މަރުހަލާގައި 12 މިލިއަން ޑޮލަރު ހަރަދުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމު ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝައުގުވެރިކަން ކުވޭތާއި ގަތަރު ސަރުކާރުން ވެސް ހާމަކޮށްފައިވާ ކަމަށާއި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެ ގައުުމުތަކުން ފަންޑު ދިނުމަށް ތައްޔާރު ކަމަށެވެ.

"ކުވޭތަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވި، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ކަންތައްތައް ނިންމެވުމަށްފަހު ތިމަންނާމެންނަށް ހުށަހަޅާށޭ. ތިމަންނަމެން ތި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން މިތިބީ ތައްޔާރަށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަންޖެހޭ ލިޔުންތައް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގެ އެހީތެރިކަމާއި އެކު އެކުލަވާލައި ނިންމައި ރައީސް އޮފީހަށް އިއްޔެގެ ވަގުތެއްގައި ފޮނުވާފައިވާ ކަމަށެވެ.

ދެން ކުރިއަށްދާނީ ޔުނިވާސިޓީ އިއުލާންކުރެއްވުމާ ގުޅޭ ކަންތައްތައް ކަމަށާއި އެބައި ކުރިއަށް ގެންދަވާނީ ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު