އައްޑޫއާއި ކުޅުދުއްފުށީގައި ޕާސްޕޯޓުގެ ހިދުމަތް މި ހަފްތާ ތެރޭ ފަށަނީ

އަތޮޅު ތެރޭގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނޭ ގޮތް ހައްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގަތުމާ ގުޅިގެން އައްޑޫ ސިޓީއާއި ހދ. ކުޅުދުއްފުށީގައި ޕާސްޕޯޓު ހަދައިދިނުމުގެ ހިދުމަތް މިހަފްތާ ތެރޭގައި ފެށުމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމާފައި ވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ސަން އަށް ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނާއި އެންމެ އުތުރުގައި ޕާސްޕޯޓު ހަދައިދިނުމުގެ ހިދުމަތް ހަމަޖެއްސުމަށް ރައީސް ނިންމެވީ، އަތޮޅު ތެރެގޭގެ ރައްޔިތުންނަށް އެފަދަ ހިދުމަތްތައް ވީ އެންމެ ފަސޭހައިން ލިބޭނޭ ގޮތް ހަމަޖެއްސުމަށް މަށް ކަމަށެވެ.

"ރައީސް ޔާމީން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުން، ޕާސްޕޯޓު ހެދުމުގެ ހިދުމަތްފަދަ ގިނަ ހިދުމަތްތަކެއް ހޯދަން މާލެ އަންނަން ޖެހޭތީ ވަރައް ބޮޑެތި ދަތިތަކެއް ކުރިމަތި ވާކަން ރައްޔިތުން ފާހަގަ ކުރެއްވި،" ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވި އެވެ. "އިމިގްރޭޝަން ޑިޕާޓްމަންޓުގެ ވެރިންނަށް ރައީސް އަންގަވާފައި ވަނީ، މާދަމާ ވެސް އެ ހިދުމަތް ފެށޭނެ ގޮތެއް ހަމަޖައްސަން."

އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ މިއަދު ދުވަހު ނޫސް ހަވީރަށް ވިދާޅުވެފައި ވަނީ، ޕާސްޕޯޓް ހަދައި ދިނުމުގެ ހިދުމަތް އައްޑޫ ސިޓީގައި މާދަމާ ފެށުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެ ހިދުމަތް ދޭން ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއްގައި ޕާސްޕޯޓުގެ ހިދުމަތް ފަށާ މިއީ ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިހާރު ވެސް އަތޮޅު ތެރޭގެ އަށް ސަރަހައްދަކުން ޕާސްޕޯޓް ފޯމް ބަލައިގަނެ އެވެ. އެހެން ނަމަވެސް މިހާރު އަދި އޮތް ގޮތުން ޕާސްޕޯޓު ބަލައި އަންނަން ޖެހޭނީ މާލެއަަށެވެ.

އަތޮޅު ތެރޭގައި ޕާސްޕޯޓުގެ ހިދުމަތް ލިބޭނޭގޮތް ހަދައި ދިނުމަކީ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވެރިކަމުގެ ފަސް އަހަރު ތެރޭގައި ކޮށްދެއްވާނޭ ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި އެއް ވައުދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު