ދިގު މުއްދަތެއްގައި ފައިސާ ދައްކާގޮތަށް ވެސަލް ލޮކޭޓިން ޑިވައިސް ގަނެވޭނެ ގޮތް ހަމަޖައްސައިފި

ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަން މޮނިޓާކޮށް، މެނޭޖްކޮށް އަދި ސާވެއަލަންސް ހަރުދަނާ ކުރުމަށް އުޅަނދުތަކުގައި ހަރުކުރަން ފިޝަރީޒް މިނިސްޓްރީން ނިންމާފައިވާ "ވެސަލް ލޮކޭޓިން ޑިވައިސް" ދިގު މުއްދަތެއްގައި ލާރި ދައްކައި ހަލާސްކުރާ އުސޫލުން ގަނެވޭނެ ގޮތް ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެސަލް ލޮކޭޓިން ޑިވައިސް ގަތުމާއި ހަރުކުރުމަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ފީ އަގުބޮޑުކަމުގެ ޝަކުވާ މަސްވެރިންގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށްޓަކައި ވެސަލް ލޮކޭޓިން ޑިވައިސް ވިއްކުމާއި ހަރުކުރުމަށް މިނިސްޓްރީއާ އެކު އެއްބަސްވެފައިވާ ކުންފުނި ކަމަށްވާ ދިރާގާއެކު މިހާރު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މަޝްވަރާތަކަށް ފަހު ދިގުމުއްދަތަކަށް ފައިސާ ދައްކާގޮތަށް ވެސަލް ލޮކޭޓިން ޑިވައިސް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާގެ އެހީގައި މިނިސްޓްރީން ގަނެފައިވާ 289 ޔުނިޓު ވިކި ހުސްވަންދެން ވިއްކާ ކޮންމެ ޑިވައިސްއެއްގެ އަގު 12 މަސް ދުވަހުގެ މުއްދަތެއްގައި ދައްކާ ހަލާސްކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ މަހަކު ސެޓެލައިޓް އެއާޓައިމް ފީ ދައްކާއިރު އެ ފައިސާ ދައްކާ ހަލާސް ކުރެވޭގޮތަށް އޮގަސްޓްމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަމަޖެއްސުމަށް ނިންމާފައި ވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ވެސަލް ލޮކޭޓިން ޑިވައިސްގެ ސަބަބުން އެ ޑިވައިސް ހަރުކޮށްފައިވާ އުޅަނދުގެ ސިގްނަލް ކޮންމެ ގަޑިއިރަކު އެއްފަހަރު މޮނިޓަރިން ސްޓޭޝަންތަކަށް ލިބި އުޅަނދުގެ ހަރަކާތްތަށް ކޯސްޓް ގާޑުންނާއި ފިޝަރީޒް މިނިސްޓްރީން ދާއިމީ ގޮތެއްގައި މޮނީޓާ ކުރެވިގެންދާނެ އެވެ. އަދި ހާލުގައި ޖެހިއްޖެނަމަ ޑިސްޓްރެސް ބަޓަން މެދުވެރިކޮށް ކޮންމެ ފަސް މިނަޓަކުން އެމަޖެންސީ ސިގްނަލްތަށް މޮނިޓަރިން ސްޓޭޝަންތަކަށް ފޮނުވަމުން ގެންދާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު