ކުއްލިއްޔާ، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ނިންމައި ރައީސް އޮފީހަށް ފޮނުވައިފި

ކޮލެޖެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ، ޔުނިވާސިޓީ އަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް ޔާމީން އެކުލަވައިލެއްވި ކޮމެޓީ ގެ މަސައްކަތްތައް ނިންމައި، ރައީސް އޮފީހަށް ހުށަހަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި އެ ކޮމެޓީގެ ޗެއާމަން އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ހަދަންޖެހޭ ލިޔުންތައް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ (އައިއައިޔޫއެމް)ގެ އެހީތެރިކަމާއި އެކު އެކުލަވާލައި ނިންމައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

"އައިއައިޔޫއެމް ތަރުޖިބާގެ އަލީގައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދުމަށްޓަކައި ބޭނުންވާ ސްޓްރެޓެޖިކް ޕްލޭން އާއި ފީސިބިލިޓީ ސްޓަޑީ މިވަނީ ތައްޔާރުކޮށް ނިމިފަ. މިކަމަށް ބޭނުންވާ ގާނޫނީ ލަފާ ރާއްޖޭގެ ބަންޑާރަ ނައިބުގެ ފަރާތުން ހޯދާފައި، ޔުނިވާސިޓީއަކަށް ބަދަލުވުމަށްޓަކައި ބޭނުންވާ ފައިސާއާއި ބެހޭ ބަޖެޓުގެ ކަންތައްވެސް ސަރުކާރުން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ހަމަޖެހުމަށްފަހުގައި، އިއްޔެގެ ވަގުތެއްގައި ވާނީ ރައީސް އޮފީހަށް ފޮނުވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިވާސިޓީ އިއުލާންކުރެއްވުމާ ގުޅޭ ކަންތައްތައް ކުރިއަށް ގެންދަވާނީ ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކަމަށްވެސް މިނިސްޓަރު ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކުއްލިއްޔާ، ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ކަންތައްތައް ފިޔަވަހި ތަކަކަށް ބަހާލާފައި ވާނެ ކަމަށެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކުއްލިއްޔާގެ ރެކްޓަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ކުއްލިއްޔާގައި މާސްޓާސް ފެންވަރުގެ ކޯސްތައް ހިންގުމަށް އިއުލާން ކުރާނެ ކަމަށެވެ. އަދި ޔުނިވާސިޓީ އަކަށް ބަދަލުވުމާ އެކު އިސްލާމީ ރޮނގުން ގިނަ ކޯސްތަކެއް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވުމުން ހަމައެކަނި ކީރިތި ގުރުއާނާއި ސުންނަތާއި ތަޖުވީދާއި މިފަންނުގެ ކޯސްތަކުގެ އިތުރުން، އިސްލާމިކް ބޭންކިން އިސްލާމިކް ފައިނޭންސް އިގްތިސާދީ ރާއްޖޭގެ މަސައްކަތްތެރިކަމާއި ގުޅޭ ކޯސްތަކާއި ފުރިމަހަ ގޮތުގައި މީހުން އަހުލުވެރިކުރުވުމުގެ ފަންނީ ކޯސްތައްވެސް ކިޔަވައިދެވޭނެ،" ކުއްލިއްޔާގެ ރެކްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވެގެން ދާއިރު، "ބޭނުންވަނީ ދުނިޔޭގައި މިހާރު އިސްލާމީ ތައުލީމުދޭ ޒަމާނީ ޔުނިވާސިޓީތަކާ އެއް ހަމައެއްގައި ފައިތިލަ ހަމަކޮށްލާ ޔުނިވާސިޓީއަކަށް ވެގެން ދިއުން" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ހެދުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އާއި ރައީސް އޮފީސް ތަމްސީލުކުރާ ގޮތަށް މަތީ ފެންވަރުގެ ހާއްސަ ކޮމެޓީއެއް ރައީސް ޔާމީން އުފައްދަވާފައި ވަނީ މިދިޔަ މެއި މަހު އެވެ.

ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ކުއްލިއްޔާ އާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް)އާ ދެމެދު ވަނީ މިދިޔަ މޭމަހުގެ ތެރޭގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގެ ދަށުން ކުއްލިއްޔާ ޔުނިވާސިޓީއަކަށް ބަދަލުވުމުން އެތަނަށް ބޭނުންވާ ލެކްޗަރާއިން ތަމްރީނު ކުރުމާއި ޔުނިވާސިޓީގެ ކޯސްތައް ފަރުމާ ކުރުންފަދަ ކަންކަމުގައި އައިއައިޔޫއެމް އިން އެހީތެރިވެދޭނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު