ކޮމަންވެލްތު ގޭމްސްއަށް ދިޔަ ރާއްޖޭގެ ކޮންޓިންޖެންޓަށް ކާމިޔާބަށް އެދެން: އިނގިރޭސި ސަފީރު

ސްކޮޓްލޭންޑްގެ ގްލާސްގޯގައި މާދަމާ ފަށާ 20 ވަނަ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް އިނގިރޭސި ސަފީރު ޖޯން ރޭންކިން ވިދާޅުވެއްޖެ އެވެ.

މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ރޭންކިން ވިދާޅުވެފައި ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ސިޓީ ކަމަށްވާ ގްލާސްގޯގައި ބާއްވާ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް ހުރިހާ ކާމިޔާބީއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"... މީގެ ދެއަހަރު ކުރިން ލަންޑަން އޮލިމްޕިކްސް އާއި ޕެރަލިމްޕިކް ގޭމްސް އިން ވެސް ފެނިފައިވާ ފަދައިން ކުޅިވަރަކީ ތަފާތު ސަގާފަތްތަކާއި ތަފާތު ނަސްލުތަކުގެ މީހުންގެ ގުޅުން ބަދަހި ކުރަން އެންމެ ރަނގަޅު އެއް ގޮތެވެ. އެކަމުގައި އެމީހުންގެ މެދުގައިވާ ތަފާތުވުންތަކުގެ ސަބަބުން ބައިބައި ވުމުގެ ބަދަލުގައި ވާ ކަމަކީ އެއްގޮތް ކަންތައްތަކުގެ ސަބަބުން ގުޅުން ބަދަހިވުމެވެ،" ރޭންކިންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މާދަމާއިން ފެށިގެން އަންނަ އޮގަސްޓްމަހުގެ ތިން ވަނަ ދުވަހާ ހަމައަށް ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ ސްކޮޓްލޭންޑްގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށެވެ. އެމުބާރާތުގައި ކޮމަންވެލްތުގެ ގައުމުތަކުން 4900 އެތުލީޓުން ބައިވެރިވެ އެވެ.

މިފަހަރުގެ ކޮމަންވެލްތު ގޭމްސް ބާއްވަން ހުށަހެޅީ ނައިޖީރިއާގެ އަބޫޖާއާއި ސްކޮޓްލޭންޑް ( އިނގިރޭސިވިލާތުގެ ބައެއް) ގެ ގްލާސްގޯއިންނެވެ. އެމުބާރާތް ގްލާސްގޯގައި ބާއްވަން ނިންމީ 2007 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު