ސިއްހީ ދާއިރާއިން ރާއްޖެއަށް 10 ސްކޮލަޝިޕް ދޭން ލަންކާއިން ނިންމައިފި

ސިއްހީދާއިރާއިން ރާއްޖެއަށް 10 ސްކޮލަޝިޕް ފުރުސަތު ދޭނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ، މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ސްރީލަންކާގެ ހަޔައެޑިއުކޭޝަން މިނިސްޓަރު އެސްބީ ދިސަނަނަޔަކެއާ މިދިޔަ ހުކުރު ދުވަހު ބައްދަލުކުރެއްވި ކަމަށެވެ. ރާއްޖެއަށް 10 ސްކޮލަޝިޕް ދެއްވާނެ ކަމަށް ދިސަނަޔަކެ ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްދަލުވުމުގައި ސިއްހީ ދާއިރާގެ ގިނަ ކަންތައްތަކާ މެދު ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއިން ކިޔަވަން ބޭނުންވާ، ރާއްޖޭގެ ދަރިވަރުންނަށް ކޯސްތަކުން ޖާގަ ހޯދުމާއި އެފަދަ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ގޮތްތައް ހަމަޖެއްސުމާ މެދު މަޝްވަރާ ކުރައްވާފައި ވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑރ. ޝަކީލާ ސްރީލަންކާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުގައި އެގައުމުގެ ހެލްތުމިނިސްޓަރު މަތިރިޕަލަ ސިރިސޭނާއާ އެކު މަޝްވަރާތަކެއް ބޭއްވެވި އެވެ. އެގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލަންކާ ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ ސިއްހީ ދާއިރާއިން ބައެއް ތަމްރީނު ފުރުސަތުތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮޓެވަލާގައި ހުންނަ ޑިފެންސް ޔުނިވާސިޓީގައި ނާސިން އަދި އެލައިޑް ހެލްތުގެ ދާއިރާއިން 50 ދަރިވަރުންނަށް ފުރުސަތުތަކަކާއި 10 ނަރުހުންނަށް އިމަޖެންސީ ނާސިން ކެއާ އާ ބެހޭ ތަމްރީނު ދޭން ނިންމާފައިވާ ކަމަށް ލަންކާ ހެލްތު މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު