ޖޭއެސްސީއަށް ވަކީލަކު ހޮވާއިރު ރަޖިސްޓްރީ ކުރާ ކޮންމެ ރަށެއްގައި އިންތިޚާބު ބާއްވަން ނުޖެހޭނެ: ސިވިލް ކޯޓު

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ރަށެއްގައި އިންތިޚާބު ބާއްވަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ހުށަހެޅުއްވި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި، ރަށެއްގައި ފަސް ވަކީލުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާނަމަ، އެފަދަ ރަށެއްގައި އިންތިޚާބު ނުބާއްވާ ގޮތަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލައި ގެޒެޓުކޮށްފައިވާ އުސޫލުގައި ހިމަނާފައި ވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ ރަށެއްގައި ފަސް ވަކީލުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާ ރަށެއްގައި އިންތިޚާބު ބާއްވާނަމަ ގިނަ ރަށްރަށުން ނެގޭ ވޯޓުގެ ސިއްރުކަން ގެއްލޭނެ ކަމަށެވެ. ވޯޓު ސިއްރުވުމުގެ މުހިންމު ބޭނުމަކީ އެއްވެސް ފަރާތަކަށް ޖެހިލުމެއް ނެތި އެމީހަކު ބޭނުންވާ ބޭފުޅަކަށް ވޯޓު ލުމުގެ ހައްގު ލިބިދިނުން ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

ވޯޓުލުމުގެ ކަންކަން އިންތިޒާމް ކުރުމުގައި ދައުލަތުން އަމަލުކޮށްފައި ވަނީ އިންތިޚާބާ ބެހޭ ގޮތުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ)އާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން އެ ހުކުމުގައި ބުނެފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިއުލާންކުރި އިރު ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ ދޮރު ބަންދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވޯޓުލުމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ބައެއް ވަކީލުންނަށް އެ ފުރުސަތު ގެއްލިފައިވާ ކަމަށް ބެލެވޭނެ ޖާގަ އެބަ އޮތް ކަމަށް ވެސް އެ ހުކުމުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު