ފަލަސްތީނުގެ ރެޑްކްރެސެންޓަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތް ދިވެހި ރެޑްކްރެސެންޓުން ފަށައިފި

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މަސައްކަތް ކުރާ އެ ގައުމުގެ ރެޑްކްރެސެންޓް ޖަމާއަތަށް ބޭނުންވާ އެހީ ހޯދުމުގެ މަސައްކަތް ރާއްޖޭގެ ރެޑްކްރެސެންޓުން ފަށައިފި އެވެ.

މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރައްޒާގު އިބްރާހީމް ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ރެޑްކްރެސެންޓު ޖަމާއަތަށް ކުރިއަށް އޮތް ހަ މަސް ދުވަހަށް 14.5 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އެ ޖަމާއަތުން ހާމަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޖަމާއަތަށް އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖަމްއިއްޔާއިން ހިންގާ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ފުއާދު ވިދާޅުވީ އެއާޕޯޓާއި ފެރީ ޓާމިނަލް ތަކުގެ އިތުރުން އެކި ރަށްރަށުގައި ފަންޑު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން ރެޑް ކްރެސެންޓުގެ މައި އޮފީހާއި އެ ޖަމްއިއްޔާގެ ގޮފިތައް ހުރި ރަށްރަށުގައި ޗެކް އަދި ފައިސާ އިންވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ދޮރުން ދޮރަށް ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުލުވާލާފައިވާ ކަމަށެވެ.

އެގޮތުން ދިވެހި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އެކައުންޓް ނަންބަރު 001-176022-7701 އަށް ދިވެހި ފައިސާ ޖަމާކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އެކައުންޓް ނަންބަރު 002-176022-7701 އަށް ޑޮލަރު ޖަމާކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށް ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު